އެމޭޒަން ޕްރައިމްއިން މި އަހަރުގެ އޭޕްރިލް މަހު ގެނެސްދިން ފިލްމު "ޗޯރީ 2"ގައި ކުޅެން ލިބުނު ރޯލް ވަރަށް ކަމުދިޔަ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ބޭނުންވަނީ އެކަހަލަ ރޯލްތައް ކުޅެން ކަމަށް ބަތަލާ ސޮހާ އަލީ ޚާން ބުނެފިއެވެ.
ބަތަލާ ނުޝްރަތު ބަރޫޗާ ލީޑް ރޯލް ކުޅެފައިވާ ބިރުވެރި ފިލްމު "ޗޯރީ 2"ގައި ސޮހާ ފެނުނީ މީގެކުރިން ބަތަލާ ސްކްރީނުން ފެނިފައިނުވާ ކަހަލަ ރޯލަކުންނެވެ.
ވަރަށް ތަފާތު މޭކަޕަކާ އެކު ސޮހާ ބައެއް ފަހަރު ބިރުވެރި މީހެއްގެ ސިފައިގައި ފެނުނުއިރު ވިލެންއެއްގެ ރޯލްއިން ވެސް ފެނުނެވެ. ފިލްމު "ޗޯރީ 2"އަކީ ސޮހާއަށް މުޅިން އާ ތަޖުރިބާއެއް ކަމަށާއި އެ ފިލްމުގައި ކުޅުނު ކެރެކްޓާއަށް ބެލުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ފާޑުކިޔުންތައް ލިބުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ހިންދީ ސިނަމާގައި ވިލެންއެއްގެ ރޯލް ކުޅެން ލިބޭ ފުރުސަތާ އެކު އިތުރު އެފަދަ އެހެން ފުރުސަތުތަކެއް ވެސް ލިބޭ ކަމަށާއި މުސްތަގުބަލުގައި ލިބޭ އެފަދަ ފުރުސަތުތައް ދެން ދޫކޮށް ނުލާނެ ކަމަށް ސޮހާ ވަނީ ބުނެފައެވެ.

ސޮހާ ފިލްމު "ރަންގް ދެ ބަސަންތީ"ގެ ކާސްޓުންނާ އެކު--ފޮޓޯ/ފިލްމުފެއަ
ސޮހާ މީގެ އަހަރުތަކެއް ކުރިން ކުޅެފައިވާ ފިލްމުތަކުގެތެރޭ "ރަންގް ދެ ބަސަންތީ"، "ސާހެބް ބިވީ އޯރު ގޭންގްސްޓާ"، "ތުމް މިލޭ" އަދި "އާހިސްތާ އާހިސްތާ" ހިމެނޭއިރު ފިލްމު "ޗޯރީ 2" އަކީ އެ ފިލްމުތަކާ އަޅައިބަލާއިރު ވަރަށް ތަފާތު ފިލްމެއް ކަމަށް ސޮހާ ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާ އާ ދުރުވެ، މި ފަހުން ވަރަށް މަދުން ފިލްމުތަކުން ފެންނަ ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެކްޓަރު އާރް މާދަވަންއާ އެކު ކުޅޭ ތުރިލާ "ބްރިޖް"އިންނެވެ. މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައެވެ.