ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު ދަނޫޝް އާއި ބަތަލާ މްރޫނާލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
ދަނުޝް އާއި މްރޫނާލްގެ ލޯބީގެ ގުޅުމުގެ ވާހަކައަށް މީގެކުރިންވެސް މީޑިއާގެ ސަމާލުކަން ލިބިފައިވާއިރު ދާދިފަހުން ރިލީޒްކުރި ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ޕްރީމިއާއަށް ދަނުޝް ދިއުމުން އެ ވާހަކަ ވަރަށް ހޫނުކަމާއެކު މީޑިއާތަކުގައި ވަނީ ދެކެވެން ފަށާފައެވެ.
ފިލްމު "ސަން އޮފް ސަރުދާރު 2"އަކީ މްރޫނާލް ބަތަލާގެ ރޯލްއިން ފެންނަ ފިލްމެކެވެ. މި ފިލްމުގެ ޕްރީމިއާގައި ބައިވެރިވުމަށް ދަނުޝް ދިޔައީ މްރޫނާލްގެ ޚާއްސަ ދައުވަތަކަށް ކަމަށާއި އެކަމުން ދޭހަވަނީ ދެ މީހުންގެ ގުޅުން އެހާ ސިއްރުކުރަން މިހާރު ބޭނުންނުވާކަން ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މްރޫނާލް އަދި ދަނުޝް ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ޕްރީމިއަ ނައިޓްގައި--ފޮޓޯ/ވަންއިންޑިއާ
މީގެއިތުރުންވެސް މްރޫނާލް އާއި ދަނުޝް އެކީގައި ފެންނަ އިތުރު ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. މްރޫނާލް އަކީ ޓެލެވިޒަން ދާއިރާގައި މަސައްކަތް ކުރުމަށްފަހު ފިލްމީ ދާއިރާއާ ގުޅުނު ބަތަލާއެކެވެ.
ސައުތު ސިނަމާއިން ލިބެމުންދިޔަ ފުރުސަތުތަކާ އެކު ހިންދީ ސިނަމާއިން ވެސް މްރޫނާލްއަށް އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ.
ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ އެކްޓަރު ރަޖްނީކާންތުގެ އަންހެން ދަރިފުޅު އައިޝްވާރިއާ ރަޖްނީކާންތުއާ ކުރިން ކައިވެނިކޮށްފައިވާ ދަނުޝް އަކީ މްރޫނާލްއަށް ވުރެ އުމުރުން ދޮށީ މީހެކެވެ. އެގޮތުން ދަނުޝްއަށް 42 އަހަރުވެފައިވާއިރު މްރޫނާލްއަށްވީ 33 އަހަރެވެ.
ދަނުޝްގެ ފުރަތަމަ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވާއިރު އައިޝްވާރިއާއާ އެކު ކުރި ކައިވެނި ނިމުމަކަށް ގެނެސްފައި ވަނީ 2022 ވަނަ އަހަރެވެ.
ބަތަލާ މްރޫނާލް މީގެ ކުރިން މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އެއްވެސް ގޮތަކަށް އެހެން މީހުންނަށް އެނގެން އޭނާ ބޭނުންނުވާ ކަމަށެވެ.
ޚާއްސަކޮށް ހަޔާތަށް އަންނަ ލޯބިވެރިއެއްގެ ވާހަކަ އެއްވެސް ބަޔަކާ ހިއްސާ ކުރުމަށް އޭނާ ނޭދޭކަމަށާއި މާގިނަ މީހުންނަށް އެކަން އެނގުމުން އެހެން މީހުންގެ އެސްފީނާ އެ ގުޅުމަށް ޖެހިދާނެކަމަށް ގަބޫލުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.