އިމްރާން ވިލެންގެ ރޯލް ކުޅޭ ތެލުގޫ ފިލްމު އަންނަ އަހަރު ސިނަމާތަކަށް

ފިލްމު "ޖީ 2"ގެ މުހިއްމު ރޯލްއިން ފެންނާނެ އަދިވީ ސޭޝް އަދި ބޮލީވުޑް އެކްޓަރު އިމްރާން ހާޝްމީ--ފޮޓޯ/ނިއުސްބައިޓްސްއެޕް

ބޮލީވުޑް އެކްޓަރު އިމްރާން ހާޝްމީ ވިލެންގެ ރޯލްއިން ފެންނަ އެކްޝަން ތުރިލާ ފިލްމު "ޖީ 2"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލުމަށްފަހު ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ.

މި ފިލްމަކީ ތެލުގޫ މަޝްހޫރު ފިލްމު ޑައިރެކްޓަރު ވިނޭ ކުމާރު ސްރިގިނީދީގެ ފިލްމެކެވެ. ވަރަށް ވަރުގަދަ އެކްޝަން ސްޕައި ތުރިލާއެއް ކަމަށްވާ "ޖީ 2"ގެ ފުރަތަމަ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލާފައި ވަނީ މި ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނިން 2018 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ގުޑްއަޗާރީ" ގެނެސްދިންތާ ހަތް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

އިމްރާންއާ އެކު މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ 2022 ވަނަ އަހަރު ރިލީޒްކުރި ތެލުގޫ ފިލްމު "މޭޖާ"ގެ އެކްޓަރު އަދިވީ ސޭޝް ހިމެނެއެވެ.

ފިލްމު "ޖީ 2"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މިހާރުވެސް ސައުތު ސިނަމާގެ ގިނަ ފިލްމުތަކުން ފެންނަ އަދިވީ "ޖީ 2"ގައި ފެންނާނީ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ހާއްސަ އެޖެންޓެއްގެ ރޯލްއިންނެވެ. މީގެއިތުރުން މަދޫ ޝާލިނީ އަދި މިފަހަކަށް އައިސް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ ބަތަލާ ވަމީގާ ގައްބީ ވެސް މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ފެންނާނެއެވެ.

މި ފިލްމަކީ 2018 ވަނަ އަހަރު އިއުލާނު ކުރި ފިލްމެއް ނަމަވެސް ކޮވިޑް-19އިގެ ބަލިމަޑުކަމާ އެކު މި ފިލްމުގެ މަސައްކަތް ވަނީ މެދުކެނޑިފައެވެ. އެހެންކަމުން މިއީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ފިލްމުގެ ގެނެސްދޭ ޕްރޮޑަކްޝަން ޓީމުން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ރިލީޒްކުރާނެ އިރަކަށް ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެއް ކަމަށް އަދިވީ ވަނީ ބުނެފައެވެ.

ބޮލީވުޑް އެކްޓަރު އިމްރާން ހާޝްމީގެ އިތުރު ތެލުގޫ ފިލްމެއް ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު އިމްރާންގެ ކެރިއަރުގެ ފުރަތަމަ ތެލުގޫ ފިލްމު "އޯޖީ" އަންނަ މަހުގެ 25ގައި ސިނަމާތަކަށް ގެންނާނެއެވެ. އިމްރާން ވިލެންގެ ރޯލް ކުޅޭ ފިލްމު "ޖީ 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުއެވެ.

comment ކޮމެންޓް