އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށް، މަގުމަތިވެފައިވާ އާއިލާތައް ދިރިއުޅެމުންދާ ކްލިނިކްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަންނަށް ވެސް އަމާޒުކުރަމުން އަންނައިރު، ޣައްޒާއިން ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެ، ސިއްޙީ ނިޒާމު އިތުރަށް ބަލިކަށި ކޮށްލައިފިއެވެ.
އެ ސަރަހައްދުގެ ސިއްޙީ ޚިދުމަތްދޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ކުރިމަތިކުރުވާފައިވާ ބަނޑުހައިހޫނުކަމުގެ ސަބަބުން، ލޭ ހަދިޔާ ކުރެވޭ ހާލަތުގައި މީގެ ކުރިން ތިބި މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް އަނަރޫފަވެ، ލޭ ނުދެވުމުން ލޭގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އިސްރާއީލުން އޮކްޓޫބަރު 7، 2023ގައި ހަމަލާ ދޭން ފެށި ފަހުން ޣައްޒާއިން ބަނޑުހަައިހޫނުކަމުގައި 193 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މަރުވި ފަސް މީހަކު ހިމެނެއެވެ.
އަލްޖަޒީރާގެ ހާނީ މަހްމޫދު ބުނި ގޮތުގައި ޣައްޒާގައި ބާކީ ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަން ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލާއި އަލް އަގްސާ ހޮސްޕިޓަލާއި ނާސިރު ހޮސްޕިޓަލަށް ލޭ ވަރަށް ބޮޑަށް ބޭނުންވެއެވެ.
"އަޅުގަނޑުމެންނަށް ފެނިފައިވަނީ ގިނަ ބަޔަކު ލޯބިވާ މީހުން ސަލާމަތް ކުރުމަށް ލޭ ހަދިޔާ ކުރުމުގެ ހުއްދަ ދިނުމަށް އެދި ޑޮކްޓަރުންގެ ކިބައިން އާދޭސް ކުރަމުން ދާތަން. ނަމަވެސް ފެންމަދުވުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ލޭ ހަދިޔާ ކުރަން ފިޓް ނުވާތީ ހުއްދައެއް ނުދޭ." މަހުމޫދު ހާނީ ބުންޏެވެ.
ޣައްޒާގެ 14،800އަށް ވުރެ ގިނަ ބަލި މީހުންނަށް އަދިވެސް ޚާއްސަ ބޭސްފަރުވާގެ ބޭނުންތެރިކަން ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު، އިއްޔެ އެކަނިވެސް 44 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ކާބޯތަކެތި ހޯދަން ދިޔަ 18 މީހަކުވެސް ހިމެނެއެވެ.
އެމެރިކާއާއި އިސްރާއީލުގެ ތާއީދު އޮންނަ ކުންފުންޏަކުން މިދިޔަ މެއި މަހު ޣައްޒާއަށް އެހީ ފޯރުކޮށްދޭން ފަށާފައިވާއިރު، އެހީ ހޯދަން ދާ ސަރަހައްދުތަކުން އިސްރާއީލުން 1560 އަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުން ދޭ ހަމަލާތަކުގެ ސަބަބުންނާއި ބޯޑަރުތައް ބަންދުކުރުމުން ޣައްޒާގައި ކާބޯތަކެތި އުފެއްދޭނެ ގޮތެއް ނެތި، އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ބޭރުގެ އެހީއަށް ބަރޯސާވާން ޖެހިފައެވެ.