މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ދަނޑުވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށް ދިނުމަށްޓަކައި, އެސްޑީއެފްސީ އާއެކު ހުޅުވާލި ގްރާންޓް ސްކީމަށް ކުރިމަތިލި ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވާކަމަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މެޕްއަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި, އިންޓާނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކާއި ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެވެ.
މި ސްކީމްގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. މި ފުރުސަތުގައި ޖުމްލަ 68 ދަނޑުވެރިން ގްރާންޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
އެޕްލިކޭޝަން ހުށަހެޅި ދަނޑުވެރިންގެ ތެރެއިން، ހަ ދަނޑުވެރިއަކަށް ގްރީން ހައުސް ގާއިމު ކުރުމަށް ބޭނުންވާ ފައިސާ ދިނުމަށް އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ ގްރާންޓަށް ކުރިމަތިލި މީހުންގެ ތެރެއިން އިތުރު 16 މީހެއްގެ އެޕްލިކޭޝަންތައް ބަލަމުން އަންނަ ކަމަށެވެ. އަދި މި އެހީއަށް އެދި ހުށަހެޅި ބައެއް މީހުން ފަހުން ނަން ނަގާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ދަނޑުވެރިންގެ ކަންކަން ކުރިން ބަލަހައްޓަމުން ދިޔައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ދަށުންކަމުން، ދަނޑުވެރިންނަށް ދެވޭ ސަމާލުކަން ކުޑަކަމަށް ބައެއް ދަނޑުވެރިން ދިޔައީ ބުނަމުންނެވެ. އެހެންކަމުން އެކަންކަން ކުޑަ ކުރުމަށް ދަނޑުވެރިކަމަށް ވަކި ވުޒާރާއެއް މި ސަރުކާރުން އުފެއްދެވިއެވެ. އެހެންނަމަވެސް ދަނޑުވެރިނަން، ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެކަށީގެންވާ ހައްލެއް އަދި ނުލިބޭކަމަށް ބައެއް ދަނޑުވެރިން އަންނަނީ ބުނަމުންނެވެ.
މެޕްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް 12 ރަށެއްގައި ގްރީން ހައުސް ވަނީ ގާއިމުކޮށްފައެވެ.