ރާއްޖޭގެ އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު، އުމުރުން 43 އަހަރުގައި 10،000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އައުކޮށްފިއެވެ.
ޝަމްހާ މި ރިކޯޑް ހަދާފައިވަނީ ޖަރުމަނުވިލާތުގެ ހެމަބާގުގައި އޮތް ނައިޓް އޮފް ދަ ޓެންސް 2025 މެރަތަންގައި ވާދަކޮށް 40:41.83 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ 10000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް މީގެ ކުރިން އޮތީ މަރިޔަމް އަބްދުލް ކަރީމްގެ އަތުގައެވެ. އޭނާ އެ ރިކޯޑް ގާއިމްކުރީ 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި 42:08.62 އިން ރޭސް ނިންމައިގެންނެވެ.
ޝަމްހާ ވަނީ މިދިޔަ އަހަރު 5000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުވެސް ހަދާފައެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ, 5000 މީޓަރުގެ ރިކޯޑް ގާއިމްކުރީ ޖަރުމަންގެ ވަސެންބަގްގައި ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕުގައި ލޯ މެޑަލް ހޯދާ 19 މިނެޓު 41.86 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ޖަރުމަނުގައި ދުވުމުގެ ތަމްރީނުތައް ހަދަމުން އަންނަ ޝަމްހާ ވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި މިދިޔަ އަހަރު އޭޕްރީލް މަހު ބޭއްވި އެ ސަރަހައްދުގެ އެންމެ ބޮޑު މެރަތަން ކަމަށްވާ ރަންތާލިޔާގެ އަންހެނުންގެ ރޭހުން ދެވަނަ ހޯދާފައެވެ.
މީގެ ކުރިން ޝަމްހާ ވަނީ ރާއްޖޭގެ ސްޕްރިންޓް ރޭސްތަކުގެ ރިކޯޑްވެސް މުގުރާލާފައެވެ.