ބާރަށް ދުއްވައި، ފުލުހެއްގެ ސައިކަލެއްގައި ޖެއްސި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި

ރޭ ބާރު ދުވެލީގައި ނުރައްކާތެރިކޮށް ކާރު ދުއްވި މައްސަލައިގައި ހައްޔަރުކުރި އައިކް ހައިޝަމް ހަސަން -- ފޮޓޯ: ފުލުހުން

ހުޅުމާލޭގައި ފުލުހުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ބާރަށް ދުއްވި ކާރުގައި އިން ޒުވާން ފިރިހެން މީހާ ހައްޔަރުކޮށްގެން ކޯޓަށް މިއަދު ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި ރޭ ދައުރުކުރި ވީޑިއޯއަކުން، ފުލުހުން ކާރެއް ރޭގެ ވަގުތެއްގައި ހުއްޓުވައި، ކާރު ވަށައި ހަރަކާތްތެރިވަމުންދާ މަންޒަރެވެ. އެ ކާރު ހުއްޓުވާފައި ވަނީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖާ މާ ދުރުނޫން ހިސާބެއްގައި، ފުރަތަމަ ފިޔަވަހީގެ ބީޗު ކައިރިންނެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 18 އަހަރުގެ ހ. ފިލިމާގެ / އައިކް ހައިޝަމް ހަސަނެވެ. މި މައްސަލައިގައި އަންހެނަކު ވެސް ހައްޔަރުކުރި ނަމަވެސް އޭނާ ވަނީ ދޫކޮށްލައިފައެވެ. އަދި އޭނާގެ ވަނަވަރު ފުލުހުން ހާމަނުކުރެއެވެ.

ފުލުހުން މިރޭ "ސަން"އަށް ބުނީ, އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

ފުލުހުން ރޭ ބުނީ ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރަން އެންގުމުން އެ ކާރު މަޑުނުކޮށް ހުޅުމާލޭގެ ދެ ފިޔަވަހީގައި ބާރު ދުވެލީގައި ދުއްވަމުން ދާތީ ފުލުހުން އެ ކާރު ފަހަތުން ދިއުމުން، ކާރުން ޖައްސައި ފުލުހުންގެ ސައިކަލެއް ވައްޓާލި ކަމަށެވެ.

އެހެންވެ، ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވި ކަމަށާއި، އަނިޔާވި ފުލުހަށް ފަރުވާދޭން ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އަނިޔާވި ފުލުހާ ގުޅޭ އިތުރު މައުލޫމާތު ދެމުން ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އޭނާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި، އޭނާ ސްޕެޝަލިސްޓަކަށް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނުރައްކާތެރިކޮށް ދުއްވުން މާލޭ ސަރަހައްދުގައި އާންމުއިރު، މި ފަހުން މިފަދަ ކަންކަމުގައި މީހުންގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.

comment ކޮމެންޓް