އައްޑޫގައި 15 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، އިތުރު ކުޑަކުއްޖަކާއި މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫ: އައްޑޫގައި އެކްސިޑެންޓެއްވެ، އަންހެނަކަށާއި 18 އަހަރުން ދަށުގެ 2 ފިރިހެން ކުދިންނަށް އަނިޔާވެއްޖެ -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި 18 އަހަރުން ދަށުގެ ފިރިހެން ދެ ކުއްޖަކަށާއި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އައްޑޫ ސިޓީ، ހިތަދޫ، ހީނާ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް މިރޭ 21:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވީ އަންހެނެއް ކަމަށާއި އަނެއް ސައިކަލު 15 އަހަރުގެ ފިރިހެން ކުއްޖަކު ދުއްވަން އިންއިރު އެ ސައިކަލު ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެ އަންހެން މީހާއާއި ދެ ކުދިންނަށް ވެސް އަނިޔާވުމުން، އަދި އެންމެންނަށް މިވަގުތު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި އަންހެން މީހާއާއި ދެ ކުދިންގެ ހާލު، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އަދި ސާފެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 18 އަހަރުން ދަށުގެ ކުދިން ލައިސެންސް ނެތި ސައިކަލު ދުއްވައި، އެކްސިޑެންޓުތައް ހިނގާ މިންވަރު މިފަހުން ވަނީ އިތުރުވެފައެވެ.

މި މަހުގެ ހަވަނަ ދުވަހު ފުވައްމުލަކު ސިޓީގައި 17 އަހަރުގެ ކުއްޖަކު ސައިކަލު ދުއްވާފައި ދަނިކޮށް ފާރެއްގައި ޖެހި މަރުވެފައިވެއެވެ. އަދި މިދިޔަ މަހުގެ 13ވަނަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް 17 އަހަރުގެ ކުއްޖަކު ސައިކަލު ދުއްވަނިކޮށް އެކްސިޑެންޓުވެ، މަރުވެފައިވެއެވެ. އެ ހާދިސާގައި ވެސް ސައިކަލު ފަހަތުގައި 16 އަހަރުގެ ކުއްޖަކު އިންއިރު އެ ކުއްޖާއަށް އަނިޔާވިއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2،885 އެކްސިޑެންޓް ހިނގައިފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،725 އެކްސިޑެންޓް ހިނގައިފައިވެއެވެ.

comment ކޮމެންޓް