ސިފައިންނަށް ޚާއްސަކޮށް އަޅައިފައިވާ ސިފްކޯ ހިޔާގެ ފުލެޓެއްގައި ދިރިއުޅޭ ޒުވާނަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާއިރު، އޭނާގެ ފުލެޓުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު 23 އަހަރުގެ ޒުވާނަކު ބަންދުކުރުމަށް ކުރި އަމުރުގައި ވަނީ، އޭނާ ދިރިއުޅޭ ސިފްކޯގެ ފުލެޓެއްގައި ކަމަށާއި އޭނާގެ މައްޗަށް ކުރަނީ ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތު ކަމަށެވެ.
އޭނާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ކޯޓު އަމުރުގައިވާއިރު، ބަންދު މަޖިލީހުގައި އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ އެ މީހާ ދިރިއުޅޭ ތަނުންނާއި އޭނާއާ ގުޅުންހުރި އެހެން ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ ދެ ތަނުން، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ވެސް ފެނިފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ. އަދި އޭނާ ދިރިއުޅޭ ތަނުން ފެނުނު ތަކެއްޗަށް އޭނާ އިއުތިރާފުވެފައިވާ ކަމަށާއި ނަމަވެސް ދެން ތަކެތި ފެނުނު ސީނަކީ އޭނާއާ ގުޅުމެއް ހުރި ތަނެއް ނޫން ކަމަށް ބުނި ކަމަށްވެސް ފުލުހުންގެ ފަރާތުން ފާހަގަކުރިއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމީ ޒުވާނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް އޮތް ކަމަށެވެ. އެއާއެކު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
ސިފައިންގެ އޮފިސަރުންނަށް ޚާއްސަކޮށް ހުޅުމާލޭގައި ސިފްކޯ ހިޔާ ފުލެޓުތަކުގެ މަސައްކަތް 2013ގައި ފެށި ނަމަވެސް، އެކި ސަބަބުތަކާ ހެދި މަޝްރޫއު ލަސްވަމުން ގޮސް، ސިފައިންނަށް ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުނީ ސެޕްޓެމްބަރު 2023 ގައެވެ.
އެ މަޝްރޫއުތަކުގެ ދަށުން އިމާރާތްކުރި ތިން ޓަވަރުގައި ޖުމުލަ 691 އެޕާޓްމެންޓު ހިމެނެއެވެ. އޭގެ ތެރެއިން ސިފައިންނަށް ޚާއްސަކޮށްފައިވަނީ 330 ޔުނިޓެވެ. އެ މަޝްރޫއުގައި މުޅިން ވެސް ހިމެނެނީ 1100 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓެވެ.