ހޮލީވުޑް ފިލްމު 'ދި އިންޓާން'ގެ ރިމޭކް ނުކުޅެން ދީޕިކާ ނިންމައިފި

ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ބަތަލާ ދީޕިކާ ޕަދުކޯން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ހޮލީވުޑް ފިލްމު "ދި އިންޓާން"ގެ ބޮލީވުޑް ރިމޭކް ނުކުޅެން ބަތަލާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމަކީ 2020 ވަނަ އަހަރު ދީޕިކާ ރައިޓްސް ގަނެ އުފައްދާނެކަން އިއުލާނުކުރި ފިލްމެކެވެ. ފިލްމު އިއުލާނު ކުރިތާ އަހަރުތަކެއް ފާއިތުވެފައިވާއިރު މިހާތަނަށް ފިލްމުގެ މަސައްކަތް ނުފެށި ލަސްވެފައި ވަނީ ވެސް ފިލްމަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެތެރޭގައި ކޮވިޑްގެ ބަލިމަޑުކަމާ ހެދި ފިލްމުގެ މަސައްކަތް ނުފެށި ލަސްވެފައި އޮތުމަށްފަހު ދީޕިކާ ބަލިވެއިނުމާ ގުޅިގެން ފިލްމުގެ މަސައްކަތް ވެސް މަޑުޖައްސާލަން ޖެހުނެވެ.

ފިލްމުގެ މަސައްކަތް ނުފެށި އޮންނަތާ ހަތަރު އަހަރު ފަހުން "ދި އިންޓާން"ގެ ރިމޭކްގެ މަސައްކަތަށް ފަށަން ތައްޔާރުވަމުން އަންނައިރު ބަތަލާ ދީޕިކާ ފިލްމުގައި އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރަން ނިންމީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ފިލްމަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ދީޕިކާ ޕަދުކޯން އަދި ފިލްމު "ދި އިންޓާން"ގެ އެކްޓަރު އަމީތާބް ބައްޗަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމުގައި ބަތަލާގެ ރޯލް ކުޅޭނަމަ ޕްރޮޑިއުސަރެއްގެ ޒިންމާ ރަނގަޅަށް އަދާ ނުކުރެވިދާނެ ކަމަށް ދީޕިކާއަށް ފެންނާތީ ފިލްމުގެ ކާސްޓުން ވަކިވާން ނިންމީ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

އަމީތާބް ބައްޗަން ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނެ މި ފިލްމަކީ ކުރިއަށް އޮތް އަހަރު ތެރޭ ދީޕިކާ މަސައްކަތް ފަށަން ނިންމާފައިވާ ފަސް ވަރަކަށް ފިލްމުތަކުގެ ތެރެއިން ބަތަލާ އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭނެ އެއް ފިލްމެވެ.

ދީޕިކާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދޭ މި ފިލްމަށް އާ ބަތަލާއެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޮލީވުޑް ތަރިން ކަމަށްވާ އޭން ހެތަވޭ އަދި ރޮބަޓް ދެ ނީރިއޯ މުހިއްމު ރޯލް ކުޅުނު ހޮލީވުޑް ކޮމެޑީ ޑްރާމާ "ދި އިންޓާން" އަކީ ރިޓަޔާކޮށް ހުވަފަތްވެފައިވާ ދުވަސްވީ ފިރިހެނަކު އޮންލައިން ފެޝަން ސައިޓެއް ހިންގާ ކުންފުންޏަކާ ގުޅިގެން މަސައްކަތް ކުރުމުގެތެރޭ މައްސަލަތަކެއްޖެހި އެ ތަނުގެ ވެރިއަކަށް ހުންނަ އަންހެން މީހާއާ އެކު މަސައްކަތް ކުރަން ޖެހުމުން ދިމާވާ ހެއްވާ މަޖާ ހާދިސާތައް ދައްކުވައިދިން ފިލްމެކެވެ.

މި ފިލްމުގެ ހިންދީ ރިމޭކްގައި އެކްޓަރު އަމީތާބް ބައްޗަންގެ ރޯލް އެންމެ ފުރަތަމަ ހުށަހެޅީ ކުރީގެ ލެޖެންޑު އެކްޓަރު ރިޝީ ކަޕޫރަށެވެ.

comment ކޮމެންޓް