ޒަކާތު ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް އިސްލާމިކް

އިންޓަނޭޝަނަލް ޒަކާތް ކޮންފަރެންސް 2025--ފޮޓޯ/ ބީއެމްއެލް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް އިސްލާމިކް ހަމަޖައްސައިފިއެވެ.

މި އަހަރުގެ ޒަކާތު ކޮންފަރެންސްގެ ތީމަކީ "ޒަކާތު ފޯ ސޯޝަލް ޖަސްޓިސް އެންޑް ޑިޖިޓަލް އިންކްލޫޝަން: އެޑްވާންސިން ސޯޝަލް ވެލްފެއާ ތްރޫ އިނޮވޭޝަން" އެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެއް ކަމަށް ބޭންކުން ބުނެފައިވެއެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހު 23 ވަނަ ދުވަހެވެ.

މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، ޒަކާތުގެ މަސައްކަތުގެ ބައިވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް ގުޅިގެން ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ ސްޓްރެޓެޖީތައް ދެނެގަތުމަށް މަޝްވަރާކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިސްލާމިކުން އަންނަނީ އެކައުންޓާއި ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އިސްލާމިކް ކްރެޑިޓްކާޑު ދޫކުރާ ހަމައެކަނި ބޭންކަކީވެސް ބީއެމްއެލް އިސްލާމިކް ކަމަށް ބޭންކުން ހާމަކުރެއެވެ.

މިއަހަރަކީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް 10 އަހަރު ފުރުނު އަހަރެވެ. ބީއެމްއެލް އިސްލާމިކުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ބޭންކުގެ 10 ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ބޭންކުން ވަނީ ފަށާފައި ކަމަަށް ވެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ޚިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ކަމަށް ބޭންކުން ބުނެފައިވެއެވެ.

comment ކޮމެންޓް