ތިމާވެށީގެ ކަންކަން ބަލަހައްޓާ އީޕީއޭ ސީދާ މިނިސްޓްރީގެ ދަށުން ހިންގަން ނިންމައިފި

ރައީސް މުއިއްޒާއި މިނިސްޓަރު ތޯރިގު: ތިމާވެށީގެ ކަންކަން ބަލަހައްޓާ އީޕީއޭ ސީދާ މިނިސްޓްރީގެ ދަށުން ހިންގަން ނިންމައިފި -- ފޮޓޯ/ ރައީސް އޮފީސް

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލާކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރުމަށްފަހު، މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭ ސީދާ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކޮށްފިއެވެ.

އީޕީއޭގެ ބާރުތައް ހަނިވާ ގޮތަށް ގެނައި އިސްލާހުތަކާއެކު، އީޕީއޭ އުވާލައި، އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން އުޅޭފަދަ އަޑުތަކެއް މިއަދު ފެތުރުމާއެކު އެންމެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ އީޕީއޭއާ ބެހޭގޮތުން މީޑިއާގައި މިހާރު ދައުރު ވަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި އީޕީއޭ އުވާލަނީ ނޫން ކަމަށާއި، އީޕީއޭގެ ނަން ބަދަލުކޮށް، އިދާރީ ހިންގުމުގެ ގަވާއިދުތަކަށް ބައެއް ބަދަލު ގެންނަން ނިންމެވީ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިރުކޮޅެއް ފަހުން ރައީސް އޮފީހުން ބުނީ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

އަދި އެ އިދާރާގެ ނަން ވަނީ "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރައްވައިފައެވެ.

އަދި އެ ބަދަލު ގެންނަވާފައިވަނީ، އީޕީއޭއިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާ ބެހޭ ކަންކަން ރެގިއުލޭޓުކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުންފުޅުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް --

އެ ބަދަލު ގެނައިއިރު މިހާރު މަޝްރޫއުތައް ހިންގުމުގެ ކުރިން އީއައިއޭ ހެދުމުގެ ބާރު އީޕީއޭއަށް އޮތް އޮތުން ވަނީ ހަނިކޮށްފައެވެ. އީޕީއޭއަކީ އަބަދުވެސް އިތުރު ބާރުވެރިކަން ހޯދުމަށް ވަކާލާތުކުރި އެޖެންސީއެކެވެ.

ސަރުކާރުން މިއަދު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން:

  • ތަރައްގީގެ މަސައްކަތެއް ފެއްޓުމުގެ ކުރިން އީއައިއޭ ހޯދުމަށް އެދިޔާރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހުށަހަޅަންޖެހޭނެ.
  • ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަންޖެހޭ މަރުހަލާތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްވެސް ލަސްކަމެއް ނާންނަ ގޮތަށް ނިންމުން.
  • ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅަންވާނީ، ކެބިނެޓުން ކަނޑައެޅުމުން.

މި އިސްލާހުތަކާއެކު މިނިސްޓްރީއަށް ލިބޭ ބާރުތައް ވަނީ ފުޅާކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އީޕީއޭއަކީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި ވެސް މިނިވަން ކުރާނެ ކަމަށް ވިދާޅުވި އިދާރާއެކެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމުނުއިރު ވެސް އީޕީއޭ ފުރިހަމަ ބާރުތަކާއެކު މިނިވަނެއް ނުވެއެވެ.

އެ ފަހުން މި ސަރުކާރު އައުމަށްފަހު، އީޕީއޭ މިނިވަންނުކުރި ނަމަވެސް ބޭނުންވާ މިނިވަންކަމާއި ބާރުވެރިކަން ފޯރުކޮށްދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

https://sun.mv/195669

އީޕީއޭ ގުޅުންހުރި ގިނަ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީއިން ވެސް ބެލިއެވެ. ތިމާވެއްޓަށް ގެއްލުމެއް ވެގެން މީގެ ކުރިން ވެސް ބޮޑެތި އަދަދުތަކުން އެތައް ޖޫރިމަނާތަކެއް ކޮށްފައި އެބަހުއްޓެވެ. އެހެންނަމަވެސް، ގިނަ ފަހަރަށް އެ ފައިސާ ދައުލަތަށް ލިބިފައެއް ނެތެވެ. އެކަމުގައި އީޕީއޭގެ އިހުމާލު އޮތް ކަމަށް އޭރު ވެސް މެންބަރުން ބުންޏެވެ.

ނަމަވެސް އެފަދަ މައްސަލަތަކުގައި އީޕީއޭއިން ބުނީ ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެން ދަނީ، ކަމަށް ބޭނުންވާ ވަސީލަތްތަކާއި ބަޖެޓުގެ ދަތިކަން ހުރުމުން ކަމަށެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އޭރު ވިދާޅުވީ، ޖޫރިމަނާއާ ގުޅޭ ކަންކަމުގައި މީހުން ހީކުރާ ވަރުގެ ބާރެއް އީޕީއޭއަށް ލިބިފައި ނެތް ކަމަށެވެ. އަދި އީޕީއޭއަށް ބޭނުންވާ ރިސޯސަސް ނެތްކަން ފާހަގަކުރައްވައި ނައީމް ވިދާޅުވީ އެ ކަމަށް ހައްލެއް ލިބޭނީ އީޕީއޭ ބާރުވެރިކޮށްގެން ކަމަށެވެ.

comment ކޮމެންޓް