އީޕީއޭ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެންދިޔުން ގޯސް، މިނިވަންވާންޖެހޭނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު: އީޕީއޭ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގުމަކީ ގޯހެއް ކަމަށް ނަޝީދު ވިދާޅުވި --- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކަށް އިތުބާރު ބޭނުންވާނަމަ، އެނަވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަންކަމާއެކު ދެމި އޮންނަންޖެހޭނެ ކަމަށާއި، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ އެއްކޮށްގެން ހިންގާ މިނިސްޓްރީގެ ދަށަށް އެ އިދާރާ ބަދަލުކުރުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް އީޕީއޭ އުފެއްދީ 2008 ވަނަ އަހަރު ނަޝީދުގެ ސަރުކާރުގައެވެ.

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މީގެ ކުރިން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އެ އިދާރާ، ސީދާ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

އަދި އެ އިދާރާގެ ނަން ވަނީ "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"އަށް ބަދަލުކުރައްވައިފައެވެ.

އެކަމާ ގުޅޭގޮތުން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކަކީ އިތުބާރު ކުރެވޭ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި އީޕީއޭ މިނިވަންކަމާއެކު ދެމި އޮންނަންޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ އިދާރާގެ މަސްއޫލިއްޔަތުތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ގޯހެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.

އެކަމާ ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އީޕީއޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ތިމާވެށި ހިމާޔަތްކުރުމާއި ތަރައްގީއާ ދެމެދު ބެލެންސެއް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިތާމައަކީ، ސަރުކާރުން 'ޗެކް އެންޑް ބެލެންސް' ހަލާކުކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުރިހާ ބާރެއް ދިނުމުގެ އާދަ ގެންގުޅުން ކަމަށެވެ.

ފައްޔާޒު ސިފަކުރެއްވި ގޮތުގައި އެއީ މުސްތަގުބަލަށް ވިސްނުމެއް ނެތި ގެނެސްފައިވާ ބަދަލުތަކެކެވެ. އަދި އެ ބަދަލުތައް ގެނައުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، މިހާރުވެސް ހީނަރުވެފައިވާ އިގުތިސާދު މާ ބާރު ސްޕީޑެއްގައި ހީނަރުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުން އެ ބަދަލު ގެނައިއިރު މިހާރު މަޝްރޫއުތައް ހިންގުމުގެ ކުރިން އީއައިއޭ ހެދުމުގެ ބާރު އީޕީއޭއަށް އޮތް އޮތުން ވަނީ ހަނިކޮށްފައެވެ. އީޕީއޭއަކީ އަބަދުވެސް އިތުރު ބާރުވެރިކަން ހޯދުމަށް ވަކާލާތުކުރި އެޖެންސީއެކެވެ.

ސަރުކާރުން މިއަދު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން:

  • ތަރައްގީގެ މަސައްކަތެއް ފެއްޓުމުގެ ކުރިން އީއައިއޭ ހޯދުމަށް އެދޭއިރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހުށަހަޅަންޖެހޭނެ.
  • ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަންޖެހޭ މަރުހަލާތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްވެސް ލަސްކަމެއް ނާންނަ ގޮތަށް ނިންމުން.
  • ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅަންވާނީ، ކެބިނެޓުން ކަނޑައެޅުމުން.

މި އިސްލާހުތަކާއެކު މިނިސްޓްރީއަށް ލިބޭ ބާރުތައް ވަނީ ފުޅާކޮށްފައެވެ.

https://sun.mv/209844

ފާހަގަކޮށްލެވޭ ގޮތުގައި އީޕީއޭއަކީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި ވެސް މިނިވަން ކުރާނެ ކަމަށް ވިދާޅުވި އިދާރާއެކެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމުނުއިރު ވެސް އީޕީއޭ ފުރިހަމަ ބާރުތަކާއެކު މިނިވަނެއް ނުވެއެވެ.

އެ ފަހުން މި ސަރުކާރު އައުމަށްފަހު، އީޕީއޭ މިނިވަންނުކުރި ނަމަވެސް ބޭނުންވާ މިނިވަންކަމާއި ބާރުވެރިކަން ފޯރުކޮށްދޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް