ޕާކިސްތާނުގައި ހަރަކާތްތެރިވާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އަކީ "ޓެރަރިސްޓް" ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފިއެވެ.
އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން އެކަން އިއުލާނު ކުރީ އިއްޔެއެވެ. މަޖީދު ބްރިގޭޑްގެ ނަމުން ވެސް މަޝްހޫރު ބީއެލްއޭ އަކީ 2019ވަނަ އަހަރު "ސްޕެޝަލް ޑެޒިގޭޓެޑް ގްލޯބަލް ޓެރަރިސްޓް" (އެސްޑީޖީޓީ) ޖަމިއްޔާއެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ޖަމިއްޔާއެކެވެ.
ނަމަވެސް މި ޖަމިއްޔާއަކީ ޓެރަސިސްޓް ޖަމާއަތެއްގެ ގޮތުގައި ނިންމުމަކީ "ސްޕެޝަލް ޑެޒިގޭޓެޑް ގްލޯބަލް ޓެރަރިސްޓް"ޖަމާއަތެއްގެ ގޮތުގައި ކުރިން ނިންމި ނިންމުމަށްވުރެ ހަރުކަށި ނިންމުމެކެވެ. އެކަން އިއުލާނުކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕާކިސްތާނު ސަރުކާރާ ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ފިޔަވަޅަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓްރަމްޕްގެ ވެރިކަމުގައި ކުރައްވާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.
އާ ލަގަބާއެކު އެމެރިކާގެ އެއްވެސް މީހަކު އެ ޖަމާއަތަށް ތާއީދު ކުރުމަކީ ކުށެކެވެ. ކުރިން އެ ޖަމާއަތަށް ދީފައިވާ ލަގަބު އަމާޒުކޮށްފައި ވަނީ ހަމައެކަނި މާލީ ވަސީލަތްތަކަށެވެ.
ބީއެލްއޭ އެސްޑީޖީޓީ ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2019ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރިއްޔާއަށް އެ ޖަމާއަތުން ދިން ސިލްސިލާ ހަމަލާތަކަށް ފަހުއެވެ. މިއަހަރުގެ މާޗް މަހު ޕާކިސްތާނުގެ ކުއެޓާ އިން ޕެޝަވާރަށް ދަތުރުކުރި ރޭލެއްގެ ތިބި ބަޔަކު މަރާލީ މައްސަލައިގެ ޒިންމާ ވެސް އެ ޖަމާއަތުން ވަނީ ނަގާފައެވެ.
ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު ނަމަވެސް އާބާދީ އެންމެ މަދު އަދި އެންމެ ފަގީރު ޕްރޮވިންސެވެ. 1947ވަނަ އަހަރު ޕާކިސްތާން އުފެދުނު ފަހުން އެ ސަރަހައްދުގައި ގާތްގަޑަކަށް ފަސް ފަހަރު ވަކިވެގަތުމަށް ގަތުލުއާންމުތައް ހިންގާފައިވެއެވެ.
ވަކިވެގަތުމުގެ ހަރަކާތަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޕާކިސްތާނުގެ ސަރުކާރުން ވަނީ އެ ސަރަހައްދުގެ ވަސީލަތްތައް ބޭނުންކޮށް އެ ސަރަހައްދުގެ 15 މިލިއަން މީހުންގެ އާބާދީއަށް އިހުމާލުވެފައެވެ.