ހޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޓޭލާ ސްވިފްޓްގެ 12ވަނަ ސްޓޫޑިއޯ އަލްބަމް މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރުމަށް އިއުލާނުކޮށްފިއެވެ.
ޓޭލާ އޭނާގެ ވެބްސައިޓް މެދުވެރިކޮށް އޭނާގެ އާ އަލްބަމް "ލައިފް އޮފް އަ ޝޯގާލް" ވަނީ އިއުލާނުކޮށްފައެވެ. މި އަލްބަމް އިއުލާނު ކޮށްފައިވަނީ ރޭގަނޑުގެ 12 ޖަހައި 12 ވަނަ މިނެޓުގައެވެ. އެހެންވީމާ މި ނަމްބަރުތަކަކީ އާ އަލްބަމަށް މުހިއްމުވާނެ ނަމްބަރެއް ކަމަށް ފޭނުން ބުނެއެވެ.
އަލަށް އިއުލާނު ކުރި އަލްބަމާއެކު މި އަލްބަމްތައް އޮންލައިންކޮށް ގަތުމަށް ހުޅުވާލައިފައިވެއެވެ. އަލްބަމް ގަންނަ ފޭނުންނަށް އޮކްޓޯބަރު މަހުގެ 13ގެ ކުރީން އަލްބަމް ލިބޭނެއެވެ. އެހެންވީމާ އާ އަލްބަމް ރިލީޒް ކުރާނީ މި ދުވަސްވަރާ ގާތުން ކަމަށް މައުލޫމާތު ލިބެއެވެ.
އަލްބަމް ގަތުމަށް ހުޅުވާލުމާ އެކު ބޮޑު ކިއޫއެއް ވަނީ ހަދާފައެވެ. ފޭނުން އެ އަލްބަމް އޮންލައިންކޮށް ގަތުމަށް ލޮބީގައި ގިނަ އިރު މަޑުކުރަން ޖެހުނެވެ. އެގޮތުން އަލްބަމް ގަތުމަށް އޮންލައިންކޮށް ވެސް ގަޑިއިރަކަށްވުރެ ގިނަ އިރު ކިއޫގައި ތިބެން ޖެހުނު ކަމަށް އެތައް ފޭނުން ބުނެއެވެ. މިއިން ފެނިގެންދަނީ ޓޭލާގެ އާ އަލްބަމަށް ފޭނުން އިންތިޒާރުކުރަމުންދާ މިންވަރެވެ.
އެހެންވީމާ އަލްބަމް ރިލީޒްކުރާއިރު އޮންނާނީ ރެކޯޑުތައް މުގުރަން ތައްޔާރުވެފައެވެ. އަލަށް ނެރޭ އަލްބަމާ ގުޅޭގޮތުން މާ ގިނަ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން މި އަލްބަމްގައި ހިމެނެނީ ކިތައް ލަވަ ކަމެއް ވެސް އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ.
ޓޭލާ އެންމެފަހުން އޭނާގެ އަލްބަމެއް ނެރެފައިވަނީ މިދިޔަ އަހަރުގައެވެ. ޓޭލާ މިދިޔަ އަހަރު ނެރުނު "ޓޯޗާޑް ޕޮއިޓްސް ޑިޕާޓްމެންޓް" އަލްބަމް ނެރެ އެކި ރެކޯޑުތައް މުގުރާފައިވެއެވެ.