ފުލެޓުތަކުގެ މަސައްކަތްތަކެއް އުނިކުރިއޭ ބުނުމަކީ 'ހޮޅި' ވާހަކައެއް، ލިސްޓު ނުނެރެން ދައްކާ ބަހަނާއެއް: ސައިފް

މާލޭ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު: ވިދާޅުވީ ފުލެޓުތަކުގެ މަސައްކަތްތަކެއް އުނިކުރިއޭ ބުނުމަކީ 'ހޮޅި' ވާހަކައެއް ކަމަށް -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކުރާ 4،000 ފުލެޓުތަކުގެ މަސައްކަތްތަކެއް ކުރީ ސަރުކާރުގައި އެއްބަސްވުމުން އުނިކޮށްފައިވާކަމަށް ބުނެ ދައްކަނީ 'ހޮޅި' ވާހަކަތަކެއް ކަމަށާއި، އެއީ ފުލެޓު ލިސްޓު ނުނެރި ލަސްކުރުމަށް ދައްކާ ބަހަނާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މީގެ ކުރިން ވިދާޅުވީ، މިހާރު އެ ފުލެޓުތަކުގައި ކުރެވެމުން ދަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ނުކުރަން ނިންމި މަސައްކަތްތައް ކަމަށާއި ހުރިހާ ފުލެޓެއްގެ މަސައްކަތް މިހާރު ނިމުމާ ގާތްވެފައިވާ ކަމަށެވެ.

ހަމްދާން މިހެން ވިދާޅުވެފައި ވަނިކޮށް، ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުނުކޮށް، ފުލެޓުތައް ދެމުން ދަނިކޮށް ނަންތަކެއް ހޯލްޑުކުރުމުން އެކަމުގައި 'ވާނުވާގައި' ތިބެން ޖެހުމުގެ ކަންބޮޑުވުން ވަނީ މިފަހުން ބޮޑުވެފައެވެ. އެ މައްސަލައިގައި 100 މީހުން ވެސް ހަމަނުވާ އެ ލިސްޓުގައި ހިމެނޭ މީހުންގެ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް ވަނީ މެދުކަނޑައިލާފައެވެ.

މި ކަންކަމާ ގުޅިގެން އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ސައިފް ވަނީ ސަރުކާރަށް ގާތްގަނޑަކަށް ދެއަހަރު ވީއިރު، ފުލެޓުތަކުގެ މުޅި ލިސްޓު ނުނެރެވޭންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މިނިސްޓަރު މުއްތަލިބާއި އެފްޑީސީގެ އެމްޑީ ހަމްދާނާއެކު ފުލެޓުތަކުގެ މޮޑެލް ރައީސް ބައްލަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން ލިސްޓުގެ ސައްހަކަން ބަލައި ފުލެޓު ލިބޭ މީހުން ވެރިފައިކުރުމަށް މިހާރު ވަގުތު ލިބިއްޖެކަމަށާއި ސަރުކާރަށް ދޮޅު އަހަރުވީއިރު އެކަން ނުކުރެވުން އެއީ ދެރަކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަދި ފްލެޓުގެ މަސައްކަތްތަކެއް ކުރީ ސަރުކާރުގައި އެއްބަސްވުމުން އުނިކޮށްފައިވާކަމަށް ބުނެ ދައްކަނީ 'ހޮޅި' ވާހަކަތަކެއް ނުވަތަ ދޮގު ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުސް ހޮޅި ވާހަކަ އެއީ. ހޮޅި ވާހަކައޭ އަޅުގަނޑު ދަންނަވަން މަޖުބޫރުވާ ސަބަބަކީ ތިޔަ ވިދާޅުވާ މަސައްކަތްކުރާތީއެއް ނޫން ލިސްޓު އާއްމު ނުކުރެއްވިގެން ލިސްޓާ ހިފަ ހިފާ [ކުރީގެ ހައުސިން] މިނިސްޓަރު ހައިދަރާ [މިހާރުގެ ހައުސިން މިނިސްޓަރު] ޑރ. އަބްދުﷲމުއްތަލިބާ އެ ތިއްބެވީ. ދެ ދުވަހު ދެ ލިސްޓު ނެރެގެން، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު

ފުލެޓުތަކުގައި މިހާރު ކުރާ މަސައްކަތްތަކުގެ ގޮތުން، ހަމްދާން ފާހަގަކުރެއްވި މަސައްކަތްތަކަކީ:

  • ބިލްޑިން ސައިނޭޖް
  • ސީސީޓީވީ ނެޓްވޯކް
  • ގާބޭޖް ޝޫޓް
  • ބޫމް ގޭޓް
  • ލޭންޑްސްކޭޕިން
  • ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން
  • އެމްޑަބްލިޔުއެސްސީ ސީވޭޖް ކަނެކްޝަން
  • އެމްޑަބްލިޔުއެސްސީ މެއިންލައިން ކަނެކްޝަން
  • ބޫސްޓާ ޕަމްޕް ފޯ ދޯދި ޕްރޮޖެކްޓް
  • ޝަފްޓް ޑޯ
  • އެކްސްޓާނަލް ގޭޓްސް
  • އިންޓަނެޓް އެންޑް މީޑިއާނެޓް

އެފްޑީސީން އަޅާ ފުލެޓުތައް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑައިލުމުން އެކަމުގެ ނުރުހުން ފާޅުކުރައްވައި ސައިފް ވިދާޅުވީ އެއީ ވަރަށް ވިޔާނުދާ އަމަލެއް ކަމަށެވެ.

ވަރަށް ވިޔާނުދާކޮށް ކުރާކަމެއް އެއީ ވެރިފިކޭޝަން ޕްރޮސެސް ނިމި، މާދަމާ އެގްރިމަންޓުގައި ސޮއިކުރަން އަންނާށޭ ބުނެފަ މިރޭ އެސްއެމްއެސްއެއް ފޮނުވާފަ މިބުނަނީ އުހުން އަދި މަޑުކޮށްލާށޭ. އަދި އެހެން ބަޔަކު އެބަތިއްބޭ ގުރު ނުނަގާ، ތިމަންނަމެން ވެރިފައިކުރަން އެބައޮތޭ އެހެން ކަމެއް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު

ސައިފް ވިދާޅުވި ގޮތުގައި އެއީ މީހުންގެ އުންމީދަށް ފައިން އެރުމެވެ. އަދި އެއީ މީހުން މާޔޫސްކޮށްލައި، ހިތް މަރާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަތަކެއް ހުރިކަމަށްބުނެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ފުލެޓު ދިނުން މެދުކަނޑާލިއިރު، އެ ލިސްޓުގައި ހިމެނެނީ ކިހާ މީހުންނެއް ކަމެއް އެފްޑީސީން ހާމައެއް ނުކުރެއެވެ. އެކަމަކު، ބައެއް މީހުން ބުނާ ގޮތުގައި، ފުލެޓު އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލީ ފްލެޓު ލިބޭނެ ކަމަށް ބުނެފައި ތިބި މީހުންތަކެކެވެ.

މި މައްސަލައިގައި ހަމްދާން ވިދާޅުވީ، ފްލެޓަށް ހުށަހަޅާފައި ހުރި މީހުންގެ ލިސްޓު އެފްޑީސީއަށް ފޮނުމުގެ ކުރިން އެ މީހުންގެ ލިޔުންތަކުގެ ސައްހަކަން މިނިސްޓްރީން ކަަށަވަރުކުރާނެ ކަމަށެވެ.

comment ކޮމެންޓް