ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 76އަށް ވުރެ މަތިން މާކްސް ލިބި، ގުރު ނެގުމުން އުނިވުމުން ފުލެޓު ނުލިބޭ މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމުގެ ގޮތުން އެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިތާ އެތައް ދުވަހެއްވިއިރު ވެސް އެކަމާ ގުޅޭގޮތުން އެ ކޮމިޝަންގެ ޖަވާބެއް ނެތެވެ.
'ސަން' އިން މި ހަފުތާ ފެށުނީއްސުރެ އެކިފަހަރުމަތިން ކުރި މަސައްކަތުން ވެސް އޭސީސީގެ ޖަވާބެއް މި މައްސަލައިގައި ލިބިފައެއް ނުވެއެވެ. ހަފުތާ ފެށުނީއްސުރެ އެކި ފަހަރު މަތިން އޭސީސީގެ މީޑިއާ އޮފިޝަލަށް ގުޅައި، މެސެޖުކޮށް، އެތައް ސުވާލެއް ކުރި ނަމަވެސް މިހާތަނަށް އެއްވެސް ސުވާލަކަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓު ހައްގުވާ މީހުންގެ ލިސްޓު ނެރުނު އިރުވެސް އޭސީސީން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. އަދި، މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ އަހަރުގެ ފެބްރުވަރީ މަހެވެ.
މި ފަހުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ފުލެޓު ލިބޭ މީހުންގެ އެއްބަސްވުމުގައި ވަނީ ސޮއިކުރަން ފަށައިފައެވެ. އެއީ މުޅި ލިސްޓު ނުނެރެއެވެ.

ފުލެޓްތައް ދޫކުރަން އެއްބަސްވުމުގައި ސޮއިކުރުން: އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި -- ފޮޓޯ/ އެފްޑީސީ
ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުނުކޮށް، ފުލެޓުތައް ދެމުން ދަނިކޮށް ނަންތަކެއް ހޯލްޑުކުރުމުން އެކަމުގައި 'ވާނުވާގައި' ތިބެން ޖެހުމުގެ ކަންބޮޑުވުން ވަނީ މިފަހުން ބޮޑުވެފައެވެ. އެ މައްސަލައިގައި 100 މީހުން ވެސް ހަމަނުވާ އެ ލިސްޓުގައި ހިމެނޭ މީހުންގެ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް ވަނީ މެދުކަނޑައިލާފައެވެ.
އެއީ 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފުލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާ މައްސަލައެއް ފެންމަތިވެފައެވެ.
އެހެންވެ، ހައުސިން މިނިސްޓްރީން ނިންމީ 76 ޕޮއިންޓް ލިބި ގުރުއަތުން ބާކީވި މީހުންގެ ގުރު އަލުން ނަގައި، ފުލެޓު ދިނުމަށެވެ.

ފުލެޓުތަކުގެ މޮޑެލް ރައީސް ބައްލަވަނީ -- ފޮޓޯ/ ރައީސް އޮފީސް
އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މިނިސްޓްރީން އޭސީސީއަށް ހުށަހަޅާފައިވަނީ މި މަހުގެ ހައެއްގައެވެ. އެ މައްސަލައިގައި ހިތްހަމެނުޖެހުން ފާޅުކޮށް، ހައުސިން މިނިސްޓްރީ ކުރިމަތީ ޕޮއިންޓު ލިބި ގުރުއަތުން ބާކީވި މީހުން ވަނީ ޖެހިގެން އައި ދުވަހު މުޒާހަރާ ވެސް ކޮށްފައެވެ.
އެ ފަހުން މިއަދާ ހަމައަށް ވެސް ފުލެޓު ލިސްޓަށް ވާގޮތެއް ނޭނގި މީހުން ތިބީ 'ވާނުވާ'ގައެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މީގެ ކުރިން ވިދާޅުވީ، މިހާރު އެ ފުލެޓުތަކުގައި ކުރަނީ ކުރީގެ ރައީސް ޞާލިހުގެ ސަރުކާރުގައި ނުކުރަން ނިންމި މަސައްކަތްތައް ކަމަށާއި ހުރިހާ ފުލެޓެއްގެ މަސައްކަތް މިހާރު ނިމުމާ ގާތްވެފައިވާ ކަމަށެވެ.
ނަމަވެސް، އެމްޑީޕީން ވަނީ އެކަން ދޮގުވެސް ކޮށްފައެވެ.
އެކަމުގައި މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ، ކުރީ ސަރުކާރުގައި އެއްބަސްވުމުން އުނިކޮށްފައިވާކަމަށް ބުނެ ދައްކަނީ 'ހޮޅި' ވާހަކަތަކެއް ކަމަށާއި، އެއީ ފުލެޓު ލިސްޓު ނުނެރި ލަސްކުރުމަށް ދައްކާ ބަހަނާއެއް ކަމަށެވެ.