ހާހަކަށްވުރެ ގިނަ މީހުންނާއެކު އެފްޑީސީން ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފި

ފުލެޓްތައް ދޫކުރަން އެއްބަސްވުމުގައި ސޮއިކުރުން: އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި -- ފޮޓޯ/ އެފްޑީސީ

މިދިޔަ އެމްޑީޕީ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި 4،000 ފުލެޓުގެ ތެރެއިން ފުރަތަމަ ދޫކުރާ ފުލެޓުތައް ދިނުމަށް މިހާރު 1000 އަށްވުރެ ގިނަ މީހުންނާއެކު ސޮއިކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ބުނެފިއެވެ.

އެފްޑީސީން ބުނީ މިހާތަނަށް 1000އަށްވުރެ ގިނަ މީހުންނާއެކު ސޮއިކުރެވުމަކީ ހާސިލްކުރެވުނު މުހިންމު ކަމެއް ކަމަށެވެ.

މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ.

https://sun.mv/208868

އެ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ، ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 4:00 އާއި ދެމެދު، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތަކީ، ފުލެޓް ލިބޭ މީހުންގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ދެނީއެވެ. އަދި އެ މައުލޫމާތު ދިން ކަމުގެ މެސެޖެއް އެ މީހެއްގެ ގެދޮރުވެރިންގެ ޕޯޓަލްއަށް ފޮނުވައެވެ.

އެފްޑީސީން ބުނީ ފުލެޓް ލިބޭ މީހުންނަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެ މީހަކަށް އަންގާނެ ކަމަށެވެ.

އެފްޑީސީން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފުލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ. އަދި ފުލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަލައި، ފާޚާނާ ތަށްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އައު ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.

އެ ލިސްޓާ ގުޅޭ ގޮތުން ވެސް ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް މުއްތަލިބު ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް