ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކުރާ ބިލު ތަސްދީގުނުކުރަން އެކި ކައުންސިލްތަކުން އެދިފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ލާމަރުކަޒީ ގާނޫނުގެ އިސްލާހު މިރޭ ތަސްދީގުކުރައްވައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދޭތެރޭ ގިނަ ބަޔަކު، ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުން ބިލަށް ތާއީދުކުރެއްވިއެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހު ހިމަނައިފައެވެ.
އިސްލާހުގައިވާ ގޮތުން ނަމަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.
އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
މީގެ އިތުރުން އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ. އެއީ:
- ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
- ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން
- ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން
ވަކިން ޚާއްސަކޮށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މި ސަރުކާރުން އުފެއްދި ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެއްވެސް ބާރެއް، މި އިސްލާހުތަކުގައި ވެސް ނެތެވެ.
ފާހަގަކުރެވޭ ގޮތުގައި މި އިސްލާހު ތަސްދީގުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ބައެއް ކައުންސިލްތަކުން އެދިފައިވެއެވެ. އޭގެ ތެރޭގައި މި ފަހުން ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދޮންފަނު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ވެސް ހިމެނެއެވެ. އިރުޝާދު ވިދާޅުވީ ދޮންފަނުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު އުންމީދަކީ ލާމަރުކަޒީ މާލީ ބާރުވެރިކަން ކަމަށާއި އެއީ ކައުންސިލްގެ އިމާރާތަކަށް ވުރެ ވެސް މާ މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާމެދު ނުހަނު ކަންބޮޑުވާކަން ފާހަގަކުރައްވައި ކައުންސިލްތަކުގެ އާމްދަނީ ދަށްވާގޮތަށް ހުރި އިސްލާހުތައް ތަސްދީގުނުކުރެއްވުމަށް އޭނާ އެދިވަދައިގަތެވެ.
ނަމަވެސް އިސްލާހުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ބ. ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ ބުދަ ދުވަހުގެރޭ ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ''އަލިފުން ޔާ އަށް'' އެނގިވަޑައިގަންނަވާ ކަމަށާއި މި އިސްލާހަކީ ރައްޔިތުންނަށް ޓަކައި ގެންނަވާ އިސްލާހެއް ކަމަށެވެ.
"އެއް އިސްލާހަކީ މިހާރު ބައެއް ކައުންސިލްތަކުން އުފައްދާފައި އެބަހުރި ކައުންސިލްތަކަށް އުފެއްދޭނެ ކުންފުނި، ލޯކަލް އޮތޯރިޓީ ކޮމްޕެނީ. މި ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން އެބަ ހިންގާ ރަށްރަށުގެ އާންމު ފަރުދުން ހިންގާ ކުދި ވިޔަފާރިތައް. ކަންމަތީ ފިހާރަ ނޫނީ އެފަދަ ކަންކަމުގެ ތެރެއަށް އެބަ ވަދޭ. އެހެން ހެދީމައި ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް އެ ހުރަސްއެޅެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ގިނަ ކައުންސިލްތަކުން އެ ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހުންނަ ފައިސާ ހާމަ ނުކުރެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިޚާބުތަކާ ކައިރިކޮށް ފައިސާތަކެއް ޚަރަދުކޮށް ބައެއް ކައުންސިލްތަކުން ރަށުގެ ތަރައްގީގައި ނެތް މަޝްރޫއުތަކެއް ސިޔާސީ ބޭނުމެއްގައި ކުރެއެވެ. އެހެންކަމުން އެކަން ވެސް ހުއްޓުވަން ޖެހޭކަމަށް އެ ރޭ ވިދާޅުވިއެވެ.