އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން ޖޭ30ގެ މެއިން ޕާޓްނަރަކަށް ދިރާގު

އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ޖޭ30 ގެ މެއިން ޕާޓްނަރަކަށް ދިރާގު ސޮއިކުރުން --

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިވެންޓް ކަމުގައިވާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ޖޭ30 ގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ 18 އަހަރުން ދަށުގެ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އިން 30 އޮގަސްޓު 2025 އަށް ގައުމީ ޓެނިސް ސެންޓަރުގައެވެ.

މި މުބާރާތުގައި 24 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރާއްޖޭގެ 22 ކުޅުންތެރިން ހިމެނެއެވެ. މި މުބާރާތުގެ ޒަރިއްޔާއިން ޒުވާން އެތުލީޓުންގެ ހުނަރުތައް ދައްކައިލައި، ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި، މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އައިޓީއެފް މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ރާއްޖޭގައި ޓެނިސް ކުރިއަރުވައި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި، މިއީ ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުޅިވަރު އިވެންޓްތަކުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް،" ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މިރްޝާން ހަސަން،ވިދާޅުވިއެވެ.

އެއާއެކު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވީ، މަގުސަދަކީ ރާއްޖޭގައި ޓެނިސް ކުރިއަރުވައި، ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިން އިތުރު ހަރުފަތްތަކަށް ގެންގޮސްދިނުން ކަމަށެވެ.

"އަދި، މި މުބާރާތް ކާމިޔާބުކަމާއެކީ ގެންދިއުމަށް މުބާރާތުގެ މެއިން ޕާޓްނަރުގެ ގޮތުން ދިރާގުން ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރުން،" އޭނާ ވިދާޅުވިއެވެ.

ދިރާގުން ދަނީ މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެމުންނެވެ.

comment ކޮމެންޓް