އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ނިމުނު ޖުލައި މަހު ޓެގު އަޅުވާފައި ދޫކޮށްލީ އެންމެ މީހެއްކަން އެނގިއްޖެއެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް ޓެގު އަޅުވާފައި މީހުން ދޫކުރަން މި ފަހުން ފެށީ، މިދިޔަ މެއި މަހުގެ 28ގައެވެ. އެ ނިޒާމުގެ ތެރެއިން ދޫކުރާ މީހުންގެ ވަނަވަރު ކްރިމިނަލް ކޯޓުން ހާމަކުރެއެވެ.
އެގޮތުން، މިހާތަނަށް ޖުމުލަ ނުވަ މީހަކު އެ ނިޒާމުގެ ތެރެއިން ޓެގު އަޅުވައި ދޫކޮށްލާފައިވާ ކަމަށް ކްރިމިނަލް ކޯޓޫގެ އަމުރުތަކުން ދައްކައެވެ.
އޭގެތެރެއިން، މެއި މަހުގެ ތެރޭގައި ފަސް މީހަކު ދޫކޮށްލިއިރު، ޖެހިގެން އައި ޖޫން މަހު ވަނީ ދެމީހުން ދޫކޮށްލާފައެވެ.

ގައިދީއެއް: މިދިޔަ ޖުލައި މަހު ޓެގު އަޅުވައި ދޫކޮށްލާފައި ވަނީ އެންމެ މީހެއް -- ފޮޓޯ/ ކަރެކްޝަންސް
އޭގެފަހުން، ނިމުނު ޖުލައި މަހު ދޫކޮށްލާފައި ވަނީ އެންމެ މީހެކެވެ. އެއީ، އައްޑޫ ސިޓީ, މީދޫއަށް އުފަން 23 އަހަރުގެ ޒުވާނެކެވެ. އޭނާއަކީ ކެނެބިހާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހެއް ކަން އަމުރުން އެނގެއެވެ.
ޓެގު އަޅުވައި މީހުން 100 ދުވަހަށް ދޫކުރާއިރު، އެމީހުން ދޫކުރަނީ ކޯޓުން ހުށަހަޅާ ޝަރުތުތަކަށް އެއްބަސްވެގެނެވެ.
މިދިޔަ ޖޫން މަހުގެ 11ގައި ޕީޖީ އޮފީހުގެ ތަރުޖަމާން، އަހުމަދު ޝަފީއު އެކްސްގައި ހިއްސާ ކުރެއްވި ތަފާސްހިސާބުން ދައްކާ ގޮތުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލަން އެދި އޭރު ޕީޖީ އޮފީހަށް 121 ފޯމު ލިބިފައިވެއެވެ. ފުލުހުންގެ އެސެސްމަންޓު ހެދުމަށްފަހު، އޭގެ ތެރެއިން 20 މީހަކު ބަންދުން ދޫކޮށްނުލުމަށް އޭރު ޕީޖީން ވަނީ ނިންމައިފައެވެ.
ޕީޖީ އޮފީހުން ބުނީ، ބަންދަށް ލުއިދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ބުންޏެވެ.
އޭގެތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ އިތުރަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ހިމެނެއެވެ.
ޕީޖީ އޮފީހުން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކޮށްފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. އަދި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ދެކޭ ކަމަށް ވެސް ޕީޖީން ބުންޏެވެ.