މާލޭގައި ބަންގްލަދޭޝް މީހަކު ކިޑްނެޕްކޮށް, އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދަން ޑިމާންޑް ކުރި ކަމުގެ ތުހުމަތުގައި އެ ގައުމުގެ ދެ މީހުން މިދިޔަ ހުކުރު ދުވަހު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ, މުޙައްމަދު އަޒީޒުލް, 37, އާއި ސަދިޤުލް މިއާ, 37, އެކެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ މި ދެ މީހުންގެ ބަންދަށް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
އެ ދެ މީހުންނަކީ ވެސް ސައްހަ ވިސާއެއް ނެތި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދާ ދެ މީހުން ކަމަށް, ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 00:40 ކަންހާއިރު, މާލޭގެ ތަނެއްގައި ބަންގްލަދޭޝް މީހަކު ހިފަހައްޓައި ބިރު ދައްކައި, އަނިޔާ ކުރުމުގެ އިތުރުން އޭނާގެ އާއިލާއަށް ގުޅައި ފައިސާއަށް ޑިމާންޓް ކުރާ ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނިގޮތުގައި މި މައްސަލަ ހުށަހެޅުމުން އަނިޔާ ލިބުނު މީހާގެ ފޯން ނަމްބަރު ޓްރެކްކޮށްގެން ލޮކޭޝަން ހޯދައި ފުލުހުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ތިއްބައި އަނިޔާ ލިބުނު ބިދޭސީ މީހާ އެ ސަރަހައްދުގައި ހުރި އެސްއައި ގެސްޓްހައުސްއިން ނުކުމެގެން އަންނަތަން ފެނިގެން ސުވާލު ކުރުމުން ތުހުމަތު ކުރެވޭ ދެ މީހުން އޭނާއަށް އަނިޔާކޮށް, ބިރުދެއްކި ކަމުގެ މައުލޫތު ދިން ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. އެ ވަގުތު ފުލުހުން އެ ގެސްޓްހައުސްއަށް ވަދެ, ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރު ކުރީ ކަމަށް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަޒީޒުލް ކޯޓުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާ އޭނާ ލައްވައި ކުރި މަސައްކަތަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް އެ ފައިސާ ދީފައި ނުވާ ކަމަށެެވެ. އެހެންވެ އޭނާއަށް ގުޅައި ކޮޓަރިއަށް ގެނައީ ކަމަށާއި އަދި އަނިޔާ ލިބުނު މީހާގެ ގައިގައި ޖެހި ކަމަށް, އަޒީޒުލް ވަނީ ކޯޓުގައި އެއްބަސްވެފައި ކަމަށް އަމުރުން އެނގެއެވެ.
މި މައްސަލައިގައި ދެން ހައްޔަރު ކުރި ސަދިޤުލް ބުނީ އޭނާ މީހަކު ކިޑްނެޕްކޮށް, އަނިޔާ ކޮށްފައި ނުވާނެ ކަމަށެވެ. ކިޑްނެޕްކުރި ކަމަށް ބުނާ ކޮޓަރީގައި އޭނާ ހުރީ އެއީ އޭނާ ނިދާ ކޮޓަރިއަށް ވުމުން ކަމަށް ކޯޓުގައި އޭނާ ބުނެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށާއި ގަވާއިދާ އެއްގޮތަށް ލައްކައެއްހާ ބިދޭސީން ދިރިއުޅޭއިރު އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ މީހުންގެ މެދުގައި ތަފާތު ކުށްތައް ކުރާ މީހުން އުޅެއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތައް ހިމެނެއެވެ.