ގަދަ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ފެންބޮޑުވެ، 307 މީހަކު މަރުވެއްޖެ

ޕާކިސްތާނުގައި ފެންބޮޑުވެފައި

އިސްލާމް އާބާދު (17 އޮގަސްޓް 2025): ކަޝްމީރުގެ ޕާކިސްތާނު ފަޅި ހިމެނޭގޮތަށް ޕާކިސްތާނުގެ ދެކުނަށާއި ހުޅަނގުއުތުރުގެ ބައެއް ސަރަހައްދުތަކަށް އާދަޔާޚިލާފަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެތައް ސަތޭކަ ބަޔަކު މަރުވެ، އިތުރު ބަޔަކު ގެއްލި މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ޕާކިސްތާނުގެ މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އިއްޔެ ނޫން ކުރީ ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާ އަދިވެސް އަލިނުވެއެވެ. މި ވިއްސާރާގައި މިހާތަނަށް 307 މީހަކު މަރުވެ، އެތައް ބަޔަކުވަނީ ގެއްލިފައެވެ. އަދި، 74 ގެ ވަނީ ހަލާކުވެފައެވެ. އެތައް ހާސްބަޔަކުވަނީ މަގުމަތިވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސަށެވެ. ދެން ބުނާ ސަރަޙައްދަށާއި ކަޝްމީރުގެ ޕާކިސްތާނު ފަޅިކަމަށްވާ އާޒާދެ ކަޝްމީރަށެވެ.

މީގެ އިތުރުން، ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ހެލިކޮޕްޓަރެއް ވެއްޓި އޭގައި ތިބި ފަސް މީހުން ވެސް ވަނީ މަރުވެފައެވެ. ވެއްޓުނު ހެލިކޮޕްޓަރަކީ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ބަޖައުރު ސަރަހައްދުގައި ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނީ އެހީގެ ތަކެތި ހިފައިގެން ދަތުރުކުރި ހެލިކޮޕްޓަރެކެވެ.

ވިއްސާރަ ދިގުލައިގެންދާތީ ޕާކިސްތާނުގެ ސުވާތު ސަރަޙައްދުގައިވާ ކޯރުތައް ފުރި ބަންޑުންވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ. މި ބިރާ އެކު އެ ސަރަހައްދުގައި ދިރުއުޅޭ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ވަނީ ގެންގޮސްފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ މުއައްސަސާތައް ހީވާގިކަމާ އެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

އަދި، ޝެހްބާޒް ޝަރީފް ވަނީ ވިއްސާރައިގެ ގެއްލުންތައް ގާތުން ބެލުމަށްޓަކައި ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި ގެއްލުންތައް ބަލައި އެހީ ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރަން މަތީ ފެންވަރުގެ ޚާއްސަ ޓާސްކް ފޯސްއެއް ވެސް އުފައްދަވާފައެވެ.

މޫސުމާބެހޭ ޕާކިސްތާނުގެ މައި އިދާރާ އަންދާޒާ ކޮށްފައިވާގޮތުން ކުރިއަށް އޮތް ހަތަރު ދުވަހު ވެސް އެ ގައުމުގެ އެކި ސަރަހައްދުތަކަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހޭނެއެވެ. ވިއްސާރަ އަލިވާން ފަށާނެ ކަމަށް ބެލެވެނީ މި މަހުގެ 21 ވާ ބުރާސްފަތި ދުވަހަށް ފަހެވެ.

ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގެ އާޒާދެ ކަޝްމީރުގެ ކައިރީގައިވާ އިންޑިއާގެ ޖަންމޫ ކަޝްމީރަށް ވެސް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ.

comment ކޮމެންޓް