ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލައި އިސްރާއީލުގައި ބޮޑު މުޒާހަރާއެއް، ގިނަ ބަޔަކު ހައްޔަރުކުރި

އިސްރާއީލުގެ ވެރި ރަށް ތެލް އަވީވްގައި ބޭއްވި މުޒާހަރާ. ފޮޓޯ/އޭޕީ

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމާށް ގޮވާލައި އިސްރާއީލުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

އިސްރާއީލު ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް، ފެން ޖަހައި މުޒާހަރާ ރޫޅާލަން މަސައްކަތްކޮށްފައެވެ.

އިއްޔެ އިރުއޮއްސުމާ ހަމައަށް ގާތްގަނޑަކަށް ބައި މިލިއަން މީހުން އެ މުޒާހަރާގައި ބައިވެރިވެފައި ކަމަށް އެކަން އިންތިޒާމު ކުރި ފަރާތާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މުޒާހަރާގައި އިސްރާއީލުގެ ގިނަ ފަންނާނުންނާއި މަޝްހޫރު ފަރާތްތަކާއި އެތުލީޓުން ވެސް ބައިވެރިވިއެވެ.

އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓާއި އިދިކޮޅު ލީޑަރު ޔައިރް ލަޕިޑްގެ އިތުރުން އިސްރާއީލުގެ ހޮލީވުޑް ބަތަލާ ގާލް ގެޑޮޓް ވެސް ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ.

މިއީ ތިން އަހަރު ވާން ކައިރިވެފައިވާ ޣައްޒާ ހަނގުރާމަ ފެށިފަހުން މިހާ ގިނަ މީހުން އެއްވެ އިސްރާއީލުގައި މުޒާހަރާކުރާ ފުރަތަމަ ފަހަރެވެ.

މުޒާހަރާއާ ގުޅިގެން އިސްރާއީލުގެ ސްކޫލްތަކާއި ވިޔަފާރިތަކާއި އާންމު ދަތުރުފަތުރުތައް ހުއްޓާލާފައިވާއިރު، ރެސްޓޯރެންޓްތަކާއި ކެފޭތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޣައްޒާގައި މިހާރު ތިބި 50 އަސީރުންނަށް ހަނގުރާމައިގެ ސަބަބުން ނުރައްކާވެދާނެ ކަމަށާއި، ހަނގުރާމައިގެ މޮޅުވުމަށް ރަހީނުން ގުރުބާން ނުކުރުމަށް ގޮވާލާފައެވެ.

"އަސްކަރީ ޕްރެޝަރުން ރަހީނުކުރާ މީހުން އަނބުރާ ނުގެނެވޭނެ. އެކަމުން ހަމައެކަނި ގެއްލޭނީ އެމީހުންގެ ފުރާނަ. އެމީހުން އަނބުރާ ގެނައުމަށް އޮތް ހަމައެކަނި ހައްލަކީ އެއްބަސްވުމެއް ހެދުން،" ޣައްޒާގައި ކުރިން އަސީރެއްގެ ގޮތުގައި ހުރި އަރްބެލް ޔަހޫދު ބުންޏެވެ.

ތެލް އަވީވްގައި ބޭއްވި މުޒާހަރާގައި އެކްޓިވިސްޓުން ވަނީ ޣައްޒާގައި ތިބި އަސީރުންގެ ފޮޓޯ ޖަހާފައިވާ އިސްރާއީލުގެ ބޮޑު ދިދައެއް އުފުލާފައެވެ. އަދި ތެލް އަވީވް އާއި ގުދުސް ގުޅުވާލާ ހައިވޭ ހިމެނޭ ގޮތަށް ބޮޑެތި މަގުތައް ވެސް ބަންދުކޮށް، ޓައިރުތަކުގައި ރޯކޮށް ޓްރެފިކް ހުއްޓުވާފައި ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އަސީރުންގެ އާއިލާތަކުން ހިންގާ 'ދަ ހޮސްޓެޖް އެންޑް މިސިން ފެމިލީސް ފޯރަމް' އިން ވަނީ މުޅި އިސްރާއީލުގައި މުޒާހަރާ ކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.

"އަޅުގަނޑުމެން މިއަދު ގައުމު ބަންދުކުރާނީ ސާފު އެންމެ ގޮވާލުމަކުން. ރަހީނުކޮށްފައިވާ 50 މީހުން އަނބުރާ ގެނެސް، ހަނގުރާމަ ނިންމާލާ." ޣައްޒާގެ ބޯޑަރު ކައިރީގައި މުޒާހަރާގެ ޓެންޓެއް ހަދައިގެން ކެމްޕޭން އިތުރަށް ވަރުގަދަ ކުރުމަށް ވައުދުވެ އެ ޖަމާއަތުން ބުންޏެވެ.

އިސްރާއީލުގެ ސަރުކާރުން ވަނީ މުޒާހަރާ ކުށްވެރިކޮށްފައެވެ.

އެގޮތުން ރައީސް އިސްހާގް ހަރްޒޮގް ވަނީ އަސީރުން އެނބުރި ގެނައުމަށާއި ހަނގުރާމަ ހުއްޓުވުމަށް ގޮވާލާ ގޮވާލުންތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ބައިނަލްއަގްވާމީ ގޮތުން ހަމާސްއަށް ޕްރެޝަރު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އިއްޔެ މުޒާހާރަތައް ފަށާފައިވާއިރު، ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނެއް އިސްރާއީލުގެ ކެބިނެޓުން މިދިޔަ ހަފްތާ ވަނީ ފާސްކޮށްފައެވެ. އެ ޕްލޭންގެ ދަށުން މިހާރުވެސް ބަނޑަށް ޖައްސާފައިވާ ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކޮށްފައިވާއިރު، ޣައްޒާގެ ދެކުނަށް ގަދަކަމުން މީހުން ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

comment ކޮމެންޓް