ހަމަލާތައް ހުއްޓާލަން މިސްރާއި ގަތަރުން ހުށަހެޅި އެއްބަސްވުމަށް، ހަމާސްއިން ތާއީދުކޮށްފި

ޣައްޒާ ސިޓީގެ ބައެއް ހިސާބުތަކަށް އިސްރާއީލުން ދޭ ހަމަލާތައް ވަރުގަދަ ކުރުމުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ފާއިތުވި ދުވަސްތަކުގައި ވަނީ ވަގުތީ ހިޔާތައް ދޫކޮށް ގޮސްފައި. ފޮޓޯ/ރޮއިޓާސް

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ ގޮތުން، 60 ދުވަހަށް ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އާ ހުށަހެޅުމަށް ހަމާސްއިން އެއްބަސްވެއްޖެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ މެދުވެރިންގެ ރޯލު އަދާކުރާ މިސްރާއި ގަތަރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް ހުށަހަޅާފައިވާ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ދެ މަރުހަލާގެ ޕްލޭނެެކެވެ.

އެ ހުށަހެޅުމުގައިވާ ގޮތުން ހަމާސްއިން ރަހީނުކޮށްފައި ތިބި 50 އަސީރުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އެ ޖަމާއަތުން މިނިވަން ކުރަންޖެހެއެވެ. ރަހީނުންގެ ތެރެއިން މިހާރު ދިރިތިބި ކަމަށް ބެލެވެނީ 20 މީހުންނެވެ.

އެ މުއްދަތުގައި، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާން ޖެހޭ ކަމަށް ވެސް އެއްބަސްވުމުގައިވެއެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން އިސްރާއީލުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެއެވެ.

ނަމަވެސް އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރު ވަނީ ޣައްޒާގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތަކާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހައްދަވާ ކަމަށް ބުނެފައެވެ.

"އެއްބަސްވުމެއް ކުރިއަށް ގެންދިއުމުގެ އެއްވެސް ވިސްނުމެއް ނަތަންޔާހޫގެ ނެތް." ބެން ގްވިރް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.

ހަނގުރާމަ ހުއްޓާލައި އަސީރުން މިނިވަން ކުރުމުގެ އެއްބަސްވުމަށް ހަމާސްއިން ތާއީދު ނަމަވެސް މީގެ ކުރިން ކޮށްފައިވާ މަޝްވަރާތަކަށް ބަލާއިރު، މީގެ މާނައަކީ ކޮންމެހެން ހަނގުރާމަ ނިމުމަކަށް އައުމެއް ނޫން ކަމަށް މަޝްރަހު ދިރާސާކުރާ އޮފިޝަލުން ވިދާޅުވެއެވެ.

ފާއިތުވި ދެ އަހަރު ތެރޭގައި ހަމާސްއިން ވަނީ ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލުގެ އަސީރުންނާއި ފަލަސްތީނުގެ ގައިދީން ދޫކޮށްލުމާ ގުޅޭ އެކި ހުށަހެޅުންތައް ބަލައިގެންފައެވެ. ނަމަވެސް އިސްރާއީލުން ކޮންމެ ފަހަރަކުވެސް އެކަމާ ދެކޮޅު ހަދައި ހަނގުރާމަ ކުރިއަށް ގެންދެއެވެ.

އެ މަޝްވަރާތަކުގެ އެންމެ މުހިންމު އެއް ކަމަކީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތާ މެދު އެއްބަސްވުމެވެ. ހަމާސްއިން ބޭނުންވަނީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށެވެ. ނަމަވެސް އިސްރާއީލުން ބޭނުން ވަނީ މުއްދަތެއް ކަނޑައެޅުމަށްފަހު ހަމަލާތައް މެދުކަނޑާލާށެވެ.

https://sun.mv/210083

ހަމާސްއިން ފާސްކުރި ކަމަށް ބުނެ އެންމެ ފަހުން ހުށަހެޅި މި ހުށަހެޅުމުގެ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

ހަނގުރާމަ ނިމުމަކަށް ގެނެސް ރަހީނުން މިނިވަން ކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް އިސްރާއީލު ސަރުކާރަށް ގޮވާލައި އާދީއްތަ ދުވަހު ވެރިރަށް ތެލްއަވީވްގައި ވަނީ ގިނަ ބަޔަކު އެއްވެ މުޒާހަރާވެސް ކޮށްފައެވެ.

comment ކޮމެންޓް