ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް މުހައްމަދު ޝަފީޤް މަހްމޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަފީޤަށް ރުހުންދޭން ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ޝަފީގަކީ މީގެކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ ކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން، އެޗްއާރުސީއެމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން ތަޅުމަށް ފޮނުވަން ނިންމީ ޝަފީޤްގެ ނަން އެކަންޏެވެ. ދެން ފޮނުވި މުހައްމަދު ފާރިސް ތާހާގެ ނަން ތަޅުމަށް ފޮނުވަން ނުފެންނަ ކަމަށް ކޮމިޓީން މިދިޔަ ހަފުތާ ބަންދުގައި ނިންމިއެވެ.
އެގޮތުން ހޮނިހިރު ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ، ފާރިސް ގެވެށި އަނިޔާކުރި ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވެ، އޭނާގެ ކައިވެނި ރޫޅުނީ އޭގެ ސަބަބުން ކަމާއި، ސިފައިންގެއިން އޭނާ ވަކިކުރީ އެ ސަބަބާ ހެދިކަމަށް ވެސް ވިދާޅުވެ ސުވާލުކުރައްވައިފައެވެ.
އެކަމަކު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއްގައި އޭނާ އެއްވެސް އިދާރާއަކަށް މީގެ ކުރިން ހާޒިރުނުކުރާ ކަމަށެވެ.
ގެވެށި އަނިޔާގެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު މެންބަރުން ކުރި އިތުރު ސުވާލުތަކަށް ޖަވާބު ނުދެއްވިގެން ފާރިސަށް ކޮމިޓީން ދިނީ 75 އަކަށް ވުރެ ދަށް މާކުހެކެވެ.
ފާރިސަށް ކުރި ތުހުމަތުތައް ދޮގުކުރައްވައި އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ބައެއް މީޑިއާތަކަށް ވިދާޅުވީ، ފާރިސްގެ ފަރާތުން ގެވެށި އަނިޔާގެ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އެޗްއާރުސީއެމްގައި މިހާރު ހުންނެވި ނައިބު ރައީސް މުއުމިނާ ވަހީދާއި އެ ކޮމިޝަންގެ މެންބަރު އާމިނަތު ޝިފާޢަތު އަބްދުއްރައްޒާޤްގެ ދައުރު އަންނަ މަހުގެ އަށްވަނަ ދުވަހު ހަމަވާނެއެވެ.