ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ފަސް ލޯންޗު މިއަދު ހަދިޔާކޮށްފިއެވެ.
މި ލޯންޗުތައް ހަދިޔާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދޫނިދޫގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި ލޯންޗުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންގެ އިތުރުން ޖަޕާން ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ނަވީން ވަނީ، ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ޚިދުމަތަށް ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރަށްވައި މި އުޅަނދުތަކާއެކު ކަނޑުމަތީގައި ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި އުޅަނދުތަކުގެ ސަބަބުން ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމާއި ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ގާބިލުކަން އިތުރުވާނެ ކަމަށް ނަވީން ވިދާޅުވިއެވެ.
މި އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރިގޮތަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމުގެ ޔަގީންކަން ނަވީން ވަނީ ދެއްވައިފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހަނދާނީ ފިލާދެއްވުން --ފޮޓޯ/ ދިވެހި ފުލުހުންގެ ޚިދުމަތް
މި އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލިއްޔަތު ތަރައްގީކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުންކަމަށް ސަފީރު އިޝިގާމީ ރުމިކޯ ވިދާޅުވިއެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެތެރޭގެ ވައިގެ ބަނދަރުތައް އިތުރުވެ، ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަރަމުންދާ މި ދަނޑިވަޅުގައި، އަވަހަށް އިޖާބަދެވޭ އުޅަނދުތަކުގެ ބޭނުން ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑަށް މުހިންމުވެފައިވެއެވެ. އަދި މިފަދަ އުޅަނދުތައް ލިބުމަކީ ފުލުހުންގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަން އެނގިވަޑައިގަންނަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެވި އެހީތެރިކަން ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ހަނދާނީ ފިލައެއް ޖަޕާން ސަފީރަށް އެރުވިއެވެ.