ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިޔު ބަލަހައްޓަން ހުރި އަންހެން މުވައްޒަފަކަށް ހަމަލާދިން މީހަކަށް ޖަލު ހުކުމެއް އިއްވައިފިއެވެ.
މިއީ، މި އަހަރުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. މި މައްސަލައިގައި ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރިއެވެ. އެއީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި، ގައިގައި އަތްލުމުގެ ކުށުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، އެއާޕޯޓް ޓެކްސީ ކިޔު ބަލަހައްޓަން ހުރި އަންހެން މުވައްޒަފެއްގެ ގައިގައި، މި މައްސަލައިގައި ދައުވާ ލިބޭ މީހާ އަތްލާފައިވާތީއެވެ. އަދި އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައިވަނީ ހަމަ އެ ވަގުތު ޓެކްސީ ކިޔު ބަލަހައްޓަން ހުރި ފިރިހެން މުވައްޒަފެއްގެ މޫނުގައި މި މީހާ ޖެހުމުގެ ސަބަބުންނެވެ. މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލާފައިނީ، އެ މައްސަލަތަކާ ގުޅިގެން ފުލުހުން އޭނާ ގެންގޮސް ފުލުހުންގެ މަރުކަޒެއްގައި ބޭންދުމުން، އެ މަރުކަޒުގެ ދޮރުގައި ފައިން ޖަހައި ދޮރަށް ގެއްލުން ދީފައިވާތީއެވެ.
އެކުއެކީގައި ކުރިއަށް ގެންދިޔަ މި ތިން މައްސަލައިގެ ޝަރީއަތުގައި އޭނާވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މި މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ.
މި ތިން މައްސަލައިގެ ތެރެއިން، އަންހެން މުވައްޒަފުގެ ގައިގައި އަތްލި މައްސަލައިގައި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އޮތް ނަމަވެސް، އޭނާގެ އަދަބުވަނީ 3600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އަނިޔާއެއް ދިނުމުގެ ކުށް ސާބިތުވެ، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިނަމަވެސް އެ އަދަބުވަނީ، 13،600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮތް ނަމަވެސް އެ އަދަބުވަނީ 9،600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުލަތުން ކުރި މި ދައުވާތައް ރައްދުވާ މީހާއަކީ ކުރިން މަސްތުވަތާކެތީގެ މައްސަލައެއްގައި މީގެ ކުރިން ކުށް ސާބިތުވެފައިވާ މީހެކެވެ. އެއީ، ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެކެވެ.