ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލު ފަރުމާކުރެއްވީ ބަންޑާރަނައިބު އަހްމަދު އުޝާމް ކަމަށާއި ހަންނާން އެ ބިލު ވިދާޅުނުވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއްބާރުލުން ދެއްވައި ގާތް ގުޅުމެއް ބާއްވަވާ ހަންނާން މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވިއެވެ. ނަމަވެސް، އެތައް ނޫސްވެރިންނަކާއި ޖަމިއްޔާތަކަކުން އެ ބިލު އަނބުރާ ގެންދަން ގޮވާލާފައިވަނިކޮށް، ހަންނާން ވަނީ އަނބުރާ އެ ބިލު ގެންދަވައިފައެވެ.
ނަމަވެސް، އަނެއްކާ ވެސް މިވަނީ އެފަދަ ދެވަނަ ބިލެއް ހުށަހަޅުއްވައިފައެވެ.
ހަންނާން ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަނީ މީޑިއާތައް ތަޅުއަޅުވައި މީޑިއާގެ އަނގަ ބަންދުކޮށް، ނޫސްވެރިން ޖަލަށް ލައި ބަންދުކުރާނެ އިތުރު ގޮތްތަކެއް ހޯދުމަށް ކަމަށެވެ.
"އިއްޒަތްތެރި ރައީސް، ސަރުކާރުން ރާވައި ހިންގައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރަށް ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ލައްވާ މިތާ ހާވާ ހަޑި ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުށްވެރިކުރަން،" މީކާއީލް ވިދާޅުވިއެވެ.
އިއްޒަތްތެރި ރައީސް، މިއީ ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ނޭނގެ މި 52 ޕޭޖުގެ ސަފްހާ ކިޔުއްވާލެއްވި ކަމެއް ވެސް. އިއްޒަތްތެރި ރައީސް 52 ސަފްހާ އެ މެންބަރު ކިޔުއްވާލެއްވި ކަމެއް ވެސް އަލުގަނޑުމެންނަކަށް ނޭނގޭ، މިއީ ސީދާ ބަންޑާރަނައިބުގެ އޮފީހުގެ ތެރެއިން ފަރުމާކުރެވިގެން މިތަނަށް ފޮނުވާފައިވާ ބިލެއް،ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް
މީކާއީލް ވިދާޅުވީ، ހަންނާން ހުންނަވަނީ މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މި ބިލުގެ ދިފާއުގައި ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާތީ ވަރަށް ސާފު ކަމަށެވެ.
މި ބިލަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި މީކާއީލް ސިފަކުރެއްވިއެވެ.
"މި ރައްޔިތުންގެ މަޖިލީހުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މި ހިނގަނީ ކަޅު ދުވަހެއް އިއްޒަތްތެރި ރައީސް،" މީކާއީލް ވިދާޅުވިއެވެ.
މި ފަހަރު 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު' އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައި ވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަންޖެހެއެވެ.
އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްޙޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނޭނެއެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސުލްޖުމްޙޫރިއްޔާއެވެ.
ނަމަވެސް، ކުރިން ކޮމިޝަންގެ ރައީސާއި ނައިބުރައީސް ވެސް އައްޔަނުކުރާނީ ކޮމިޝަންގެ ތެރެއިން ނަގާ ވޯޓަކުންނެވެ.
މި ބިލުގައި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފައެވެ. ބޮޑެތި ޖޫރިމަނާތަކުގެ އިތުރުން ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ލިބޭގޮތަށެވެ.
އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށް ފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއްނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ.