އެއާޕޯޓް އަޕްގްރޭޑާއެކު ޕާކިން ޒޯނަށް ބަދަލު ގެންނަން ޖެހި، ދިރާސާ ދަނީ ކުރަމުން: އެމްއޭސީއެލް

ވީއައިއޭގައި މީގެ ކުރިން ބޭނުންކުރަމުން އައި ޕާކިން ޒޯން: އާ ޓީމިނަލް ހުޅުވުމަށް މި ޕާކިން ޒޯން ބަންދުކުރި ގޮތަށް، އަދިވެސް ބޭނުންކުރުމުގެ ހުއްދައެއް ނުދޭ -- ފޮޓޯ/ މައުމަން، އެކްސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޚިދުމަތްތައް އަޕްގްރޭޑްކޮށް، އާ ޓާމިނަލް ހުޅުވުމާ ގުޅިގެން ގެނައި ބަދަލުތަކާއެކު އެއާޕޯޓުގައި ޕާކިން ޒޯން ބާއްވަން ޖެހެނީ ވަކި ދުރުމިނެއްގައި ކަމަށް ވުމުން، ޕާކިން ޒޯން ކަނޑައެޅުމާ ގުޅޭ ދިރާސާތައް ހަދަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.

މިނިވަން ދުވަހާ ގުޅުވައި، މިދިޔަ ޖުލައި މަހުގެ 26ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމަށް، ވެލާނާ އެއާޕޯޓުގެ ޕާކިން ޒޯންތަކުގައި ޕާކްކުރުން ވަގުތީގޮތުން މަނާކުރީ އެ މަހުގެ 17ވަނަ ދުވަހެވެ. އާ ޓާމިނަލް ހުޅުވިތާ މަހެއް ވާން ކައިރިވެފައިވާއިރު، އަދިވެސް ޕާކިން ޒޯން ނުހުޅުވާތީ މުވައްޒަފުންނާއި ދަތުރުވެރީންގެ ވެސް ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

އެ ޕާކިން ޒޯން އަލުން ހުޅުވުމާ ގުޅޭ ގޮތުން "ސަން"އިން ސުވާލުކުރުމުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އާ ޓާމިނަލްގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯން ހުޅުވުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށާއި، މިހާރު އެމްއޭސީއެލްގެ މުވައްޒަފުންނަށާއި އެއާޕޯޓު ރެޕުންނަށް އާ ޓާމިނަލްގެ އިރުމަތީ ފަޅީގައި އޮންނަ ޕާކިން ޒޯން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލް: އާ ޓާމިނަލާއެކު އެއާޕޯޓުގެ ޓްރެފިކަށް ވަނީ ބަދަލު ގެނެސްފައި -- ފޮޓޯ/ ވީއައިއޭ

އޭނާ ވިދާޅުވީ އެއާޕޯޓުގައި އާ ޓާމިނަލް ހުޅުވައި, ޚިދުމަތްތައް އަޕްގްރޭޑް ކުރުމާއެކު ޕާކިން ޒޯނަށް ވެސް ގޮތް ކަނޑައަޅަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އަޕްގްރޭޑް ވެގެން މި ދިޔައީ ސާވިސްއާއި ހުރިހާ އެއްޗެއް، ދިޔައިރު އެއާޕޯޓުގެ ވަކި ސަރަހައްދެއްގައި ވަކި ވަރަކަށް ތުރެ ކައިރީގައި ނުބޭއްވޭ ޕާކިން ޒޯނެއް، އެއަށް ކުރަން ޖެހޭ ދިރާސާތަކެއް ކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

"މިހާރު މިތާނގަ ވެއްޖިއްޔާ އަޅުގަނޑުމެންނާ ކަނޑުމަގުން ވެސް ކައިރިކުރޭ އެއްޗެހި، އެހެންވީމާ އެ އެއްޗެހިވެސް އުފުލާނެ ޖާގަ ހަދަން ޖެހޭ އެ ހުރިހާ ކަމެއް ކުރަން އެބަ ޖެހޭ، ދެން ވީ އެންމެ އަވަހަކަށް އަޅުގަނޑުމެން ޕާކިން ޒޯނެއް ހުޅުވުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ."

އޭގެ އިތުރުން އޮފިޝަލް ވިދާޅުވީ، އާ ޓާމިނަލްގެ އިރުމަތީ ފަޅީގައި އެމްއޭސީއެލްގެ މުވައްޒަފުންނަށް ޕާކިން ޒޯން ތަރުތީބުކޮށްފައި އޮތުމުގެ އިތުރުން، އެތެރޭގެ ބަސްތައް ވެސް އިތުރުކޮށްފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ފުރާ މީހުންނަށް އެއްޗެހި ހަވާލުކުރުން ފަދަ އިތުރު ކަންކަމުގައި އެއާޕޯޓަށް ދާ މީހުންނަށް ފަހަރުގައި ދަތިތަކެއް ހުރުން އެކަށީގެންވެއެވެ.

"އެކަމަކު ޖުމްލަކޮށް އެއާޕޯޓް ބޭނުންކުރާ ގާތްގަނޑަކަށް 99 އިންސައްތަ މީހުންނަށް މި ބުނާ ޕާކިން ޒޯނުގަ ދައްޗެއް ނުވާ ގޮތަށް ބައިވަރު ކަންކަން އެރޭންޖްކުރެވިފަ ހުންނާނެ މިހާރު،" އޮފިޝަލް ވިދާޅުވިއެވެ.

ކުލަގަދަ ހަފުލާއަކަށް ފަހު އައު ޓާމިނަލް ހުޅުވުމަށް ފަހު އަދިވެސް ޕާކިން ޒޯންތައް ނުހުޅުވާތީ، އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފަކު "ސަން"އަށް މީގެ ކުރިން ބުނިގޮތުގައި އާންމުކޮށް އެއާޕޯޓް މުވައްޒަފުންނާއި އެކި ބޭނުންތަކަށް އެއާޕޯޓަށް ދާ އާންމުން ސައިކަލާއި ކާރު ޕާކް ކުރަމުން އައި، އާ ޓާމިނަލް ކުރިމަތީ އޮންނަ ޕާކިން ޒޯން އަދިވެސް ހުޅުވާނުލައެވެ.

އެހެންކަމުން މިހާރު އެއާޕޯޓް މުވައްޒަފުން ޑިއުޓީއަށް ދަނީ ފެރީގައި ނުވަތަ ބަހުގައި ކަމަށް އޭނާ ބުންޏެވެ. އަދި ސައިކަލުގައި އަންނަ ނަމަ ޕާކު ކުރަން ދާން ޖެހެނީ ހައިވޭ މެދަކާ ހިސާބުގައި ހަދާފައި އޮންނަ ޕާކިން ޒޯނަށް ކަމަށާއި އެއަށްފަހު ޑިއުޓީ ކުރާ ސަރަހައްދަށް ދިޔުމަށް އަރަން ޖެހެނީ ބަހަކަށް ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އެއާޕޯޓަށް ދާ ބަސް ފުލްވެގެން ނޭރިއްޖެ ނަމަ ނުވަތަ ގަޑިއަށް ނޭރިއްޖެ ނަމަ ޓެކްސީއެއް ހޯދަން ޖެހޭ ކަމާއި، އެއީ 70 ނޫނީ 80 ރުފިޔާ ޚަރަދުވާ ކަމެއްކަން ފާހަގަކޮށްފައެވެ.

އޭނާ ވަނީ، އެއާޕޯޓު ހިންގާ މީހުންނަށް އެތަނަށް ދިޔުމަށް އެހާ ބުރަ އުފުލަން ޖެހިގެން ނުވާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް