އަޔުޝްމާނާއި ރަޝްމިކާގެ ފިލްމު 'ތާމާ'ގެ ޓީޒާ ނެރެފި

ކާމިޔާބު ހޮރޯ ކޮމެޑީ ޖޯންރާގެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ މެޑްޑޮކް ފިލްމްސްއިން ގެނެސްދޭ "ތާމާ"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މެޑްޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ ޔުނިވާސްއަށް ނިސްބަތްވާ މި ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލިއިރު ފިލްމުގެ މުހިއްމު ރޯލް ކުޅޭ ތަރިންގެ ކެރެކްޓާ ވެސް އިއްޔެ ވަނީ އާއްމުކޮށްފައެވެ. ފިލްމު "ތާމާ"އަކީ އެ ސްޓޫޑިއޯއިން ގެނެސްދިން ކާމިޔާބު ފިލްމު "މުންޖިއާ" ގެނެސްދިން އަދިތިޔާ ސަރްޕޯތުދަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި އަހަރުގެ ނޮވެންބަރު މަހު ސިނަމާތަކަށް ގެންނަ "ތާމާ"ގެ ލީޑް ތަރިންނަކީ އަޔުޝްމާން ކުރާނާ އަދި ފިލްމު "ޕުޝްޕާ"ގެ ބަތަލާ ރަޝްމިކާ މަންދަންނާއެވެ. މިއީ އަޔުޝްމާންއާ އެކު ރަޝްމިކާ ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.

ފިލްމު "ތާމާ"ގެ މުހިއްމު ރޯލް ކުޅޭ ތަރިންގެ ކެރެކްޓާތައް ދައްކާލަން ރިލީޒްކުރި ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އަޔުޝްމާން ވެމްޕެޔަރެއްގެ ކެރެކްޓާއިން ފެންނާނެ މި ފިލްމަކީ ލޭ އޮހޮރުވުންތަކެއް ދައްކުވައިދޭނެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

މި ފިލްމު ވެސް ގެނެސްދޭނީ ސިލްސިލާއެއް ގޮތަށް ކަމަށާއި ފިލްމަށް ލިބޭ ތަރުހީބުގެ މައްޗަށް ބިނާކޮށް "ތާމާ" ފްރެންޗައިސް އިތުރަށް ފުޅާވެގެންދާނެ ކަމަށް މެޑްޑޮކް ފިލްމްސްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މެޑްޑޮކް ފިލްމްސްއިން ބުނިގޮތުގައި "ތާމާ"ގެ ރަސްމީ ޓީޒާއެއް މި މަހުގެ 29 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ އެ ސްޓޫޑިއޯގެ ފިލްމު "ޕަރަމް ސުންދަރީ"އާ އެކު ބެލުންތެރިންނަށް ގެނެސްދޭން ވަނީ ނިންމާފައެވެ.

ނެޝަނަލް އެވޯޑު ހޯދާފައިވާ ކުޅަދާނަ އެކްޓަރު އަޔުޝްމާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޑްރީމް ގާލް 2"އިންނެވެ. ބަތަލާ ރަޝްމިކާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ ޖޫން މަހު ރިލީޒްކުރި ތަމަޅަ ފިލްމު "ކުބޭރާ"އިންނެވެ.

comment ކޮމެންޓް