ކްރޫއިންގެ ކާނާ ވިހަވެ، 'ދުރަންދާރު'ގެ ޝޫޓިން ހުއްޓިއްޖެ

ބޮލީވުޑް އެކްޓަރު ރަންވީރު ސިންގެ ދާދި ފަހުން އިއުލާނުކޮށް މަސައްކަތް ފަށާފައިވާ ފިލްމު "ދުރަންދާރު"ގެ ކްރޫއިންތަކެއްގެ ކާނާ ވިހަވެ، ފިލްމުގެ ޝޫޓިން ހުއްޓުމަކަށް އައިސްފިއެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން "ދުރަންދާރު"ގެ ޝޫޓިންގް ހުއްޓުމަކަށް އައިސް މަސައްކަތްތައް މެދުކަނޑާލަން ޖެހުނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ލަދާކުގެ ލޭގައި ޝޫޓިންގްތައް ކުރިއަށް ދަނިކޮށެވެ.

ފިލްމުގެ ޝޫޓިންގްގައި ހަރަކާތްތެރިވި 100އަށް ވުރެ ގިނަ ކްރޫ މެންބަރުންތަކެއްގެ ކާނާ ވިހަވެ ލޭގެ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމުގެ ކްރޫއިންގެ ކާނާ ވިހަވި ގިނަ މީހުންނަށް ގަދައަށް ހޮޑުލެވި، ބަނޑުގައި ރިއްސާ އަދި ބޮލުގައި ރިއްސުންފަދަ ކަންކަން ދިމާވެފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭގައި ވަނީ ބުނެފައެވެ.

ފިލްމު "ދުރަންދާރު"ގެ ޑައިރެކްޓަރު އަދިތިޔަ ދަރު އަދި އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/މިޑް-ޑޭ

ބައެއް ރިޕޯޓުތައް ބުނާގޮތުން ކްރޫއިންގެ ތެރެއިން ބައެއް މީހުންނަށް ވަނީ ހިތުގެ މައްސަލަތަކެއް ވެސް ދިމާވެފައެވެ. ނަމަވެސް، މިކަން ފިލްމުގެ ޓީމުން ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، ފިލްމުގެ ލީޑް ތަރިން މީގެ ތެރޭގައި ހިމެނޭކަން ވެސް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

ޑައިރެކްޓަރު އަދިތުޔަ ދަރުގެ ޓީމަށް ކާނާ ވިހަވި މައްސަލަ ދިމާވުމާ ގުޅިގެން އެ މީހުންގެ ކާނާގެ ސާމްޕަލްތައް އިތުރު ތަހުލީލުތައް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު ކްރޫއިންގެ ހާލަތު ރަނގަޅުވަންދެން "ދުރަންދާރު"ގެ ޝޫޓިންގް މެދުކަނޑާލާފައިވާއިރު އަލުން ފިލްމުގެ ޝޫޓިން ފެށޭނެ ތާރީޚެއް ބުނަން ނޭނގޭ ކަމަށް މިޑް-ޑޭގައި ވަނީ ބުނެފައެވެ. މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު އަދިތިޔަ ދަރުއާ އެކު ރަންވީރު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ރަންވީރުގެ އިތުރުން ފިލްމުގެ މުހިންމު ރޯލުން ފެންނާނެ ތަރިންގެތެރޭ ސަންޖޭ ދަތު، އަކްޝަޔޭ ކަންނާ، އާރް މާދަވަން އަދި އަރުޖުން ރާމްޕާލް ހިމެނެއެވެ.

މި ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ގެނެސްދީފައިވާއިރު މިއީ ފިލްމު "ޕަދްމަވާތު"ގައި ރަންވީރު ކުޅުނު ކެރެކްޓާގެ ހަނދާން އާކޮށްލަދޭނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

comment ކޮމެންޓް