ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ކެރިއަރުގެ ފުރަތަމަ ބިރުވެރި ފިލްމު "މާ" ނެޓްފްލިކްސްއިން ސްޓްރީމްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި އަހަރުގެ ޖޫން މަހުގެ 27ގައި ސިނަމާތަކުގައި އެޅުވި މިތޮލޮޖިކަލް ހޮރޯ ފިލްމު "މާ" އަކީ ކާޖޮލްގެ ދިގު ފިލްމީ ކެރިއަރުގައި ކުޅުނު މި ޖޯންރާގެ ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ ކާޖޮލްގެ ފިރިމީހާ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު ކުންފުނި ދޭވްގަން ފިލްމްސްއާ ޖިއޯ ސްޓޫޑިއޯ އަދި ޕެނެރޯމާ ސްޓޫޑިއޯސް ގުޅިގެން ގެނެސްދިން ފިލްމެކެވެ. ބެލުންތެރިންގެ ފަރާތުން އެވްރެޖްކޮށް ލިބުނު ރިވިއުސްތައް ރަނގަޅުވި ނަމަވެސް ބޮކްސް އޮފީހުގައި ފިލްމަށް މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ފިލްމު "މާ"ގެ މަންޒަރެއްގައި ބަތަލާ ކާޖޮލް--ފޮޓޯ/ބޮލީވުޑްހަންގާމާ
ނަމަވެސް، މި ފިލްމަށް ލިބުނު އާމްދަނީއާ އަޅާ ބަލާއިރު މިއީ ފާއިތުވެދިޔަ އަހަރުތަކުގައި ރިލީޒްކުރި ކާޖޮލްގެ ފިލްމުތައް ކަމަށްވާ "ސަލާމް ވެންކީ" އަދި "ހެލިކޮޕްޓަ އީލާ"ފަދަ ފިލްމުތަކަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބުނު ފިލްމެއްގެ ގޮތުގައި ބޮލީވުޑްގެ ރިޕޯޓުތައް ބުނެއެވެ.
ވިޝާލް ފޫރިއާ ޑައިރެކްޓްކޮށް އަޖޭ ދޭވްގަން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި މި ފިލްމުގައި ކާޖޮލް ކުޅެފައިވަނީ ޝައިޠާނީ ވަސްވާސްތަކުގައި ޖެހި ޝައިޠާނުންގެ ބާރުގެ ދަށަށް ގޮސްފައިވާ އަންހެން ދަރިފުޅު ސަލާމަތް ކުރުމަށް މަންމައަކުވާ ގުރުބާނީ ދައްކުވައިދިން މަންމައެއްގެ ކެރެކްޓާއެވެ.
އެގޮތުން ފިލްމުން ވަރަށް ބިރުވެރި މަންޒަރުތައް ބެލުންތެރިން ތަޖުރިބާކުރާނެ ކަމަށް ބަތަލާ ވަނީ ފިލްމުގެ ޕްރޮމޯޝަންތަކުގައި ބުނެފައެވެ.
ކާޖޮލްގެ އިތުރުން މި ފިލްމުގެ މުހިންމު ތަރިންގެ ގޮތުގައި އިންދްރަނޭލީ ސެންގުޕްތާ، ޖިތިން ގުލާޓީ އަދި ހެރިން ޝަރުމާ ވަނީ ފެނިފައެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން ފިލްމު "މާ" ނެޓްފްލިކްސްގައި ޕްރީމިއާ ކުރާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.