މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާތާ ގިނަ ދުވަސްތަކެއްވެފައިވާ, އަދި ޒުވާނުންނާ ގާތްގުޅުމެއް އޮންނަ އަހުމަދު ސިނާދު މުހައްމަދު (ސިނޫ) މިއަދު މަރުވެއްޖެއެވެ.
ސިނޫގެ އެކުވެރިއަކު "ސަން"އަށް ބުނީ، އޭނާ މަރުވީ ސްޓްރޯކަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.
އޭނާގެ ކަށުނަމާދު ބާއްވާނެ ގަޑިއެއް އަދި ނިންމާފައެއް ނުވެއެވެ.
ސިނޫ ދިޔައީ 2019 ވަނަ އަހަރުން ފެށިގެން ކިޑްނީ ބައްޔަށް ފަރުވާ ކުރަމުންނެވެ. އެ ބަލީގެ ވޭނުގައި އޭނާ އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ކިޑްނީ މައްސަލަ ދިމާވިތާ ދެ އަހަރު ފަހުން އޭނާގެ ކިޑްނީ ފެއިލްވެ ޑައިލަސިސް ހެދިއެވެ.
މިދިޔަ ޖަނަވަރީ މަހާއި ފެބްރުއަރީ މަހު ވަނީ ސިނޫގެ ކިޑްނީ ބައްޔަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑްރައިޒިން އިވެންޓްތަކެއް ވެސް ބާއްވައިފައެވެ.

މިއުޒީޝަން ސިނޫ: އޭނާ މިއަދު ވަނީ މަރުވެފައި--
ސިނޫއަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ޑްރަމަރެއްގެ އިތުރުން ވަރަށް ހުނަރުވެރި ސައުންޑް އިންޖީނިއަރެކެވެ. އޭނާ އެންމެ މަޝްހޫރުވީ "ވަން ނައިޓް ސްޓޭންޑް" ބޭންޑްގައި މަސައްކަތް ކުރިއިރު އާއްމުންގެ ލޯބި ލިބުނު ޑްރަމަރެއްގެ ގޮތުގައެވެ. ސައުންޑް އިންޖީނިއަރެއްގެ ގޮތުން އޭނާ ވަނީ އޮފިޝަލް އިވެންޓާއި ހަބް އިވެންޓްގައި މަސައްކަތް ކޮށްފައެވެ.