ސަރުކާރު ހިއްސާވާ ކުންފުނިތަކުން މެންޑޭޓުތަކުގައި ނުހުންނަ މަސައްކަތްތައް ކުރާތީ، ކުންފުނިތަކުގެ "ރޮދި ކެނޑި، ކުންފުނިތަކުގެ މިސްރާބު އޮޅިއްޖެ ކަމަށް"، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ފުރަތަމަ ފަހަރަށް ޕީއެންއެފްގެ އޮފީހުން ބޭރަށް ނުކުމެ "ވޭކް އަޕް"ގެ ނަމުގައި މިރޭ އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރުން ހުރިހާ ކުންފުނިތައް "ތޮށިގަނޑަކަށް" ހަދާލައިފިކަމަށާއި، ކުންފުނިތައް މިއަދު އޮތީ "މާޔޫސްވެފައި" ކަމަށެވެ.
އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ކުނި މެނޭޖްކުރާ ކުންފުނި ވެމްކޯ ފަތުރުވެރިކަމުގެ ސިނާއަތަށް ވަންނަން މަސައްކަތްކުރަމުންދާ ކަމަށާއި، މައި އެއާޕޯޓުގެ ބެލެނިވެރި ކުންފުނި އެމްއޭސީއެލުން ރަށްރަށުގައި ޖިމްތައް ހިންގަން ފަށައިފި ކަމަށެވެ. އެއާއެކު، މަގުހަދާ ކުންފުނި އާރުޑީސީއަކީ އެއްވެސް ފައިސާއެއް ނެތް "ތޮށިގަނޑެއް"ގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފުން ބޭއްވި "ވޭކް އަޕް" ޖަލްސާއަށް ގިނަ ބަޔަކު އާޓިފިޝަލް ބީޗުގައި --- ސަން ފޮޓޯ: މޫސާ ނަދީމް
މީގެ އިތުރުން ފައިސާއެއް ނެތް، ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ކުންފުނިތަކާ، ޝަރަފުވެރިކަމާއެކު އަސްކަރީ ޚިދުމަތުން ރިޓަޔާވެވަޑައިގެން ތިއްބެވި ބޭފުޅުން ހަވާލުވާތީ ވެސް ޔާމީން ފާޑު ވިދާޅުވިއެވެ.
"މިހާރު ރިޓަޔާޑް ޖެނެރަލުން ނޫނީ އެއްވެސް ކަމެއް ކުރާކަށް ކަމަކުނުދޭ، އޯތޮޕެޑިކްސް ޑިޕާޓްމަންޓް ހެޑްކުރަނީވެސް ރިޓަޔާޑް ޖެނެރަލެއް، އަލީ ޒުހައިރުމެންގެ ހިތްޕުޅަށް ހަމަ އެއްޗެއް ވެސް ނާރާ އިނގޭތޯ، އެ ތަނުގަ ކެޕިޓަލެއް ނެތް، ލާރިއެއް ނެތް، އެކަމަކު ރާއްޖޭގައި ހުރި އެންމެ ބޮޑެތި މަސައްކަތް ކުރަން ހަވާލުކުރަނީ އެ ތަނާ،" ޔާމީން ވިދާޅުވިއެވެ.
"އެހެންވެ މި ދަންނަވަނީ ކުންފުނިތަކުގެ ތްރެޑު ކެނޑިއްޖެއޭ، ހެޑަށް އޮޅިއްޖެއޭ،"ކުރީގެ ރައީސް އަބްދުالله ޔާމީން
ރަށްރަށުގައި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް އިމާރާތްކުރަން އާރުޑީސީއާ ހަވާލުކުރާތީ އެ ކަމަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ، "ބޮޑު ސޯބު"ގެ ރޮދި ކެނޑުމުން ކުންފުނިތަކުގެ ތުރެޑް ވެސް ކެނޑެމުންދާ ކަމަށެވެ. ބެލެވޭ ގޮތުގައި "ބޮޑު ސޯބު"ގެ ގޮތުގައި އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ.
މީގެ އިތުރުން މިއަދު ރަނގަޅަށް ހިނގަނީ ކޮން މުއައްސަސާއެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
"ހުރިހާ ތަނެއް ޑިސްފަންކްޝަނަލް، ކޯޓެއް ނުހިނގާ، އޭސީސީއެއް ނުހިނގާ، އޮޑިޓާ ޖެނެރަލަކީ ނިދާފަ ހުރި މީހެއް، ހުރި މީހެއް ކަމެއް ވެސް ނޭނގޭ، ޕްރޮސެކިއުޓަރު ޖެނެރަލަކީ ހުރި މީހެއް ކަމެއް ވެސް ނޭނގޭ، މި ހުރިހާ ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތައް އަންނައިރު އެއްވެސް މީހަކު އަރާ ތުހުމަތުން ބަރީއަވާން ކޮށްލާނެ އެއްވެސް މަސައްކަތެއް ނުކުރޭ،"ކުރީގެ ރައީސް އަބްދުالله ޔާމީން
އެމަނިކުފާނު ވިދާޅުވީ، ފައިސާ އާއި ކޮރަޕްޝަންގެ އެކި ތުހުމަތުތައް ކުރާއިރު އެ ތުހުމަތުތައް ތަހުގީގުކުރަން ފުލުހުންނަށާއި އޭސީސީއަށް ޕްރޮސެކިއުޓަރު ޖެނެރަލް އަންގަން ޖެހޭ ކަމަށެވެ.
ކުންފުނިތަކުގެ ހިންގުމަށް ޔާމީން ފާޑުވިދާޅުވިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގިނަ މަޝްރޫއުތައް މި ސަރުކާރުން ހަވާލު ކުރާއިރު އެ ކުންފުންޏެއްގެ މެންޑޭޓަށް ވެސް ބެލުމެއްނެތި ޕްރޮޖެކްޓްތައް ދޭތީ ވަރަށް ބޮޑަށް ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.