ވެރިންގެ ވައްކަމުގެ ވާހަކަދެއްކުމަކީ އަބުރަށް އަރައިގަތުން ނޫން ކަމަށާއި އެ ވާހަކަދެއްކޭނެ ކަމަށާއި އަދި ދައްކަވާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ދާދިފަހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 28 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފައިވަނިކޮށެވެ.
ޔާމީން ވިދާޅުވީ، މީހުންގެ އަބުރު ރައްކާތެރިކުރުމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އެކަމަކު، އާންމުންގެ ކަންކަމާ ހަވާލުވެ ތިއްބަވާ ބޭފުޅުންގެ ވައްކަމާއި ކޮރަޕްޝަންގެ އެކި އަމަލުތަކުގެ ވާހަކަދެއްކުމަކީ އެ ބޭފުޅުންގެ އަބުރަށް އަރައިގަތުން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މަގާމުތައް އަދާކުރައްވާ ބޭފުޅުން އާންމުންގެ ކަންކަން ކޮށްދިނުމަށް މާތް الله ގަންދީ ހުވާކުރުމަށް ފަހު މަގާމުތަކާ ހަވާލުވެފައިވާތީ އެ ބޭފުޅުން މަގުން ކައްސާލައިގެން ދަންޏާ އިލްމުވެރިންގެ އިތުރުން، ތަންދޮރު ދަންނަ މީހުން ވެސް އެ ވާހަކަދައްކާނެ ކަމަށެވެ.
އެއަށް ފަހު، އެ މަނިކުފާނުގެ ވާހަކަ އަމާޒުކުރެއްވީ 28 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފަލާހު ބިމެއް ބައްލަވައިގެން ގޮތުގެ މައްޗަށެވެ. އެ ވާހަކަ ނުދައްކަންވީ ކީއްވެގެންތޯ ސުވާލު އުފައްދަވައި ޔާމީން ވިދާޅުވީ، އެކަން މަނީ ލޯންޑަރިންގެ ތެރޭ ހިމެނޭ ކަމަށާއި ސަބަބަކީ ފަލާހުގެ މާލީ ބަޔާނުގައި ބިން ބައްލަވައިގަތުމުގެ ތަފުސީލު ހިމަނާފައި ނެތުމުން ކަމަށެވެ.
ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައި، އޭނާއަށް މުސާރައިގެ ގޮތުގައި އަހަރެއްގެ މައްޗަށް 990،000 ރުފިޔާ ލިބިލައްވާކަމާއި، ވިޔަފާރީގެ ނަފާގެ ގޮތުގައި 900،000 ރުފިޔާ ލިބިލައްވާއިރު، ގެދޮރު ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް 3.2 މިލިއަން ރުފިޔާ ލިބިލައްވާ ކަމަށް އޮތްކަން ފާހަގަކުރައްވައި ޔާމީން ވަނީ، ސައްހަ މުއާމަލާތުގެ ތެރެއިން މި ފައިސާ ފަލާހު ހޯއްދަވާފައިވާ ނަމަ، ބިން ބައްލަވައިގަތުން އޭނާގެ މާލީ ބަޔާނުގައި ނުހިމަނަންވީ ސަބަބާ މެދު ސުވާލު އުފައްދަވައިފައެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން: އެ މަނިކުފާނު ވަނީ ވައްކަމުގެ ވާހަކަދެއްކޭނެ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ އަމަން ލަތީފް
"އެހެންވީމާ މިގޮތަށް ފޮރުވައިގެން މިކަންކަން ކުރާ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ މީގާ އިހުތިމާލެއް އެބައޮތް ނޫންހޭ، ގޯސްކޮށް ހޯދި ނާޖާއިޒުކޮށް ހޯދި އެއްޗެއް ކަމަށް،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ މުއާމަލާތްތަކުގެ ވާހަކަދެއްކުމަކީ އަބުރާ ބެހުމެއްނޫން ކަމަށާއި، އެއީ އާންމުންގެ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކޮށް ސަރުކާރުން މަސައްކަތްކުރަނީ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަދައްކާ މީހުންގެ އަނގަމަތީ މަލަން އަޅައި، އަނގަ ބަންދުކުރުމަށް ކަމުގައި ޔާމީން ވިދާޅުވިއެވެ. އެކަމަކު، ވައްކަން ކުރާ މީހުންނާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންގެ ނަންތައް ކިޔޭނެ ކަމަށާއި، އެ ވާހަކަދެއްކޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވަނީ މަޖިލީހުގެ މެންބަރުންނާއި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފައިސާ ހޯއްދަވާ ގޮތް އާންމުންނަށް ހާމަކުރުމަށް ގޮވާލައްވައިފައެވެ. އަދި، އެހެން ނޫން ނަމަ ހުއްދަނޫން ގޮތުގައި ފައިސާ ހޯއްދެވިކަމުގެ ތުހުމަތުތައް އާންމުން ކުރާނެކަން އެ މަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
"އަޅުގަނޑުމެން މި އަޑުއުފުލަނީ އަޅުގަނޑުމެން މި ވަކާލާތުކުރަނީ ކަންކަމާ ހަވާލުވެތިބި އިސް މީހުން މި ކަހަލަ ބޮޑެތި ޖަރީމާ ހިންގީމާ، އެ މީހުންގެ ވާހަކަދެއްކޭނެއޭ، ދައްކާނެއޭ. އަދިވެސް ދައްކާނަން، މި ތަނުގައި އަބަދު ވެސް ދައްކާނަން އެނގޭތޯ،" ޔާމީން ވިދާޅުވިއެވެ.
"ކަންކަމާ ހަވާލުވެތިބެ، މުއައްސަސާތަކާ ހަވާލުވެތިބެ، ވެރިކަމުގެ ހިންގުމުގެ ދާއިރާގައި ހަވާލުވެ ތިއްބެވި ދާއިރާގެ މީހުން، އެ މީހުންގެ މިލްކާއި އެހެންނޫނީ އެ މީހުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު ދިރިއުޅުމެއް އުޅޭކަމަށް ވަންޏާ އެ ވާހަކައިގައި ސުވާލު އުފެދޭނެ، އެ ވާހަކަ ދެއްކޭނެ،"
ފާހަގަކުރެވޭ ގޮތުގައި މި މަހުގެ 17ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމެއްގައި ބުނީ، 28،782،000 ރުފިޔާއަށް ފަލާހު، ހުޅުމާލޭ ދެވަނަ ފިޔަވަހިން 3250 އަކަފޫޓުގެ ބިމެއް ބައްލަވައިގެންފައިވާ ކަމަށެވެ. ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން ކުރެއްވި ހުކުމާއެކު، މި ބިމުގެ މިލްކުވެރިކަންވަނީ ފަލާހަށް ލިބިވަޑައިގެންފައެވެ.
ފަލާހުގެ ނަމުގައި ރ. އިންނަމާދޫގައި ހުންނަ ތިން ގޯތީގެ އިތުރުން ހަމަ އެ ރަށުން އިތުރު ތިން ގޯއްޗާއި ހުޅުމާލެއިން ވެސް ގޯއްޗެއް ބައްލަވައިގެންފައިވާނެ ކަމަށް އޭނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ފަލާހު ވަނީ މި އަހަރުގެ ފެބްރުއަރީގައި ބޭންކް އޮފް މޯލްޑިވްސްއިން 15.7 މިލިއަން ރުފިޔާގެ ލޯނެއް ވެސް ނަންގަވައިފައެވެ. އެ ލޯނަށް އޭނާ ވަނީ މި އަހަރުގެ ތެރޭގައި 496،904 ރުފިޔާ ދައްކައިފައެވެ. ބާކީ ދައްކަންޖެހޭ އަދަދަކީ 15.2 މިލިއަން ރުފިޔާއެވެ.
ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މާލީ ބަޔާންތަކުގައި 'ހަދިޔާ'ގެ ގޮތުގައި ބޮޑެތި އަދަދުތަކަށް ލިބިވަޑައިގެން ކަމަށް ބަޔާންކޮށްފައިވާތީ އާންމުންނާއި ސިޔާސީ ބޭފުޅުންގެ ނުރުހުން އެ މެންބަރުންނަދް އަމާޒުވެފައިވެއެވެ.
ވެރިންނަށް ވައްކަމުގެ ތުހުމަތު އަމާޒުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވިއިރު އެ މަނިކުފާނަކީ އެ ފަދަ ތުހުމަތުތައް އަމާޒުވެފައި ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން ދެ މައްސަލައެއްގައި އެ މަނިކުފާނަށް ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެކަމަކު، އިސްތިއުނާފު މަރުހަލާއިން އެ މަނިކުފާނު ވަނީ ދެ މައްސަލަ ވެސް ކާމިޔާބުކުރައްވާފައެވެ.