ރައްޔިތުން ނިކަމެތިކުރަނީ ގަސްތުގައި، މަގުމައްޗަށް ނުކުމެދާނެތީ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެ މަނިކުފާނު ރޭ ވަނީ ބޮޑު ޖަލްސާއެއް ބާއްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުން ނިކަމެތިކުރަނީ ގަސްދުގައި ކަމަށާއި އެއީ ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތްކޮށް، މަގުތަކަށް ނުކުމެދާނެތީ ރާވައިގެން ކުރާ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ ޖަލްސާތައް އެ ޕާޓީގެ އޮފީހުގައި ބޭއްވުމަށް ފަހު ފުރަތަމަ ފަހަރަށް ރޭ އެ ޕާޓީން ވަނީ އޮފީހުން ބޭރަށް ނުކުމެ، "ވޭކް އަޕް"ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޮޑު ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައި މާލޭގެ އިތުރުން، ރަށްރަށުން ވެސް މީހުން އައިސް ބައިވެރިވެފައިވެއެވެ.

ޔާމީން ވިދާޅުވީ، ދިވެހީން ކުރިން ވިސްނާނެ މާ ބޮޑު ކަމެއް ނެތް ކަމަށާއި އޭރު ފެނުނީ ދިވެހީން ހަމަޖެހިގެން ފުދުންތެރިކަމާ އެކީ އުޅުނު މަންޒަރު ކަމަށެވެ. އެކަމަކު، އެއީ މާޒީކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ، އާންމުންނަށް ދަތިތައް ދިމާވަންޏާ އެ ދަތިތަކުގެ ވާހަކަދައްކަން ޖެހޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ޝަކުވާ ނޫން ކަމެއް ރާއްޖޭގައި އުފުލާނެ ޖާގަ މިއަދު ނެތް ކަމަށާއި ގައުމުގެ ކަންކަން ގޯހުން ގޯހަށް ދާތީ އާންމުން މިއަދު އެ ވާހަކަދައްކާ ކަމަށެވެ.

އަނިޔާވެރިވަނީ ހަމައެކަނި ޖަލަށްލީމަކައެއް ނޫން، އަނިޔާވެރިވަނީ ރައްޔިތުން މިހާ ބިކަހާލުގައި، މިހާރު ރާއްޖޭގައި ބިކާރީންތަކެއް ގޮތުގައި މި އުޅެން ޖެހެނީ. ސަލާން ޖަހައިގެން މި އުޅެން ޖެހެނީ. މިއެއްނޫން ދިވެހިރާއްޖެއަށް ހައްގު މިންވަރަކީ،ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް

ރޭ ޔާމީން ވަނީ، ވެރިކަންކުރާ ޕީއެންސީގެ މަޖިލީހުގެ މެންބަރުންގެ ނަފްސުގެ އެއްވެސް އިތުބާރެއް، ޝަރަފެއް، އިއްޒަތެއް ނެތް ކަމާއި އެ މެންބަރުންނާ ހެދި އާންމުން ބޮޑެތި ދަތިތައް ތަހައްމަލުކުރަމުންދާ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެއީ، ރޭވުމެއްގެ ތެރެއިން ރައްޔިތުންގެ 'ވަރަ ބިންދާލަން' ކުރާ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ތުހުމަތުކުރައްވާފައެވެ.

މި ސަރުކާރަށް ފާޑުވިދާޅުވެ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު "އަނދިރި ދައުލަތެއްގެ" ފަރާތުން ހިންގާ ބޭއިންސާފުގެ ނަތީޖާއަކީ އާންމުންގެ ހާލަތު ދަށަށް ގޮސް އާންމުން ނިކަމެތިވެ، ހަމައެކަނި ވެރިންނާއި ވެރީންގެ ދަށުގައި ތިބޭ އެ މީހުންގެ އާރުކާޓީންނަށް ހިތްހަމަޖެހިގެން އުޅެވުމެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ވަރަ ބިންދާލަނީ ގަސްތުގައި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ޔާމީން ވިދާޅުވީ، 2018ވަނަ އަހަރު ނިމުނުއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، ނުވަތަ ޖީޑީޕީން ބޮލަކަށް ޖެހޭ ނިސްބަތް އޮތީ ދެކުނު އޭޝިއާ ސަރަަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ތިން ގުނަ މަތީގައި، ބޮލަކަށް 11،000 ނުވަތަ 12،000 އެމެރިކާ ޑޮލަރުގައި ކަމަށެވެ. އެކަމަކު ޖީޑީޕީ ވެސް މިހާރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ފެންނަނީ ރާއްޖެ ހުރިހާ ދާއިރާއަކުން ސޮއްސާލައިގެން ފަހަތަށްދާ މަންޒަރެވެ.

"އަޅުވެތިކޮށް މީހާ ފަގީރަކަށް ހަދައި މީހާ ނިކަމެތިކުރީމާ އޭނާގެ ނުހުންނާނެ ހިތްވަރެއް. އެ ބިންދާލެވެނީ މީހާގެ މައިބަދަ. ކޮންމެ މީހަކު ނުކުންނަން ޖެހެނީ އަންހެނުންނާއި ދަރިންނަށް ބަޑުފުރާ މުއްތިކުރާނެ ގޮތެއް ހޯދައިދޭން. އޭނާގެ ނުހުންނާނެ ހިތްވަރެއް ސިޔާސީ ވާހަކަދައްކާކަށް. އޭނާގެ ހިތްވަރެއް ނުހުންނާނެ ސިޔާސީ ހަރަކާތަކަށް އަންނާކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

"މިއީ ގަސްތުގައި ރާވައިގެން ކުރާ ކަމެއް. ވަރަ ބިންދާލަނީ. މިއަށް ނޫނެކޭ ބުނަން ޖެހެނީ. މިއަށް ހޭލަން ޖެހެނީ،"

އެހެންވެ، އެ ކަމަށް ނޫނެކޭ ބުނެ ހުރިހާ ރައްޔިތުން ވެސް އެ މީހަކަށް ވީވަރަކުން ގައުމީ މަސައްކަތްކޮށްދެއްވަން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އެކަން ކުރާނެ އިތުރު ސިޔާސީ ލީޑަރެއް ރާއްޖޭގައި މި ވަގުތު ނެތް ކަމަށާއި އެންމެން ވެސް ތިއްބެވީ 'ނަގޫ ފިތިފައި' ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައީ ޔާމީން ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް ހުންނެވިއިރު އެ މަނިކުފާނުގެ ތާއީދާ އެކުގައެވެ. އެއީ، ޖަލު ހުކުމެއްގެ ސަބަބުން އެ މަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުގެ ސަބަބުންނެވެ.

އެކަމަކު، ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕާޓީން ވަކިވެފައެވެ. އެއަށް ފަހު، ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން އަންނަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް