އިންޑިއާއާއި ރަޝިޔާއާ ދެމެދު ކުރާ ވިޔަފާރި 100 ބިލިއަން ޑޮލަރަށް އިތުރު ކުރަނީ

އިންޑިއާ އާއި ރަޝިޔާއާ ދެމެދު ކުރިއަށް އޮތް ފަސް އަހަރު ކުރާ ވިޔަފާރި 100 ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް ނިންމައިފިއެވެ.

ދެ ގައުމުން އެގޮތަށް ނިންމީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަހަމަންޔަމް ޖައިޝަންކަރު ރަޝިޔާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައެވެ.

ޖައިޝަންކަރު ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށް ދެ ގައުމުން ވިޔަފާރީގެ ހުރަސްތައް ނައްތާލައި ޓެރިފްގެ ހުރަސްތައް ކުޑަކުރަން ޖެހޭ ކަމަށެވެ.

އިންޑިއާގެ ހަތަރުވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއަށް ރަޝިޔާ ވާއިރު، އިންޑިއާއަކީ ރަޝިޔާއިން ދެ ވަނައަށް އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ގައުމެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ބްރިކްސް ގްރޫޕް އެކުލެވޭ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އެކުވެރި ފައުންޑިން މެމްބަރުންނަށް އަމާޒުކޮށްގެން ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ކުރެއްވި އެންމެ ފަހުގެ ދަތުރުފުޅެވެ. މި ހުރިހާ ގައުމުތަކަށްވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިޔަފާރީގެ އިންޒާރުތަކާއި އިންތިހާއަށް ބޮޑު ޓެރިފްތަކެއް ނަގާފައެވެ.

އެމެރިކާއާއި އެމެރިކާގެ ވިޔަފާރީގެ ސިޔާސަތުތަކުގެ ވާހަކަ ސީދާ ގޮތެއްގައި ނުދެއްކި ނަމަވެސް ރަޝިޔާގައި ބޭއްވި އިންޑިއާ-ރަޝިޔާ ބިޒްނަސް ފޯރަމްގައި ޖައިޝަންކަރު ވިދާޅުވީ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެން ބަލާނީ ބަރޯސާވެވޭ އަދި ދާއިމީ ޕާޓްނަރުންނަށް ކަމަށެވެ.

ޓެރިފްގެ މައްސަލައިގައި އިންޑިއާ އާއި އެމެރިކާއާ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިންއަށް މި ހަފުތާ ތެރޭގައި ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. ރަޝިޔާއަކީ އިންޑިއާގެ 'ރަހްމަތްތެރި' އެއް ކަމަށް ވިދާޅުވެ ޕުޓިންއަށް ތައުރީފް ކުރައްވާފައެވެ. އޭގެއިތުރުން ޒަމާނުއްސުރެ އިންޑިއާގެ ހަތުރެއްގެ ގޮތުގައި އޮތް ޗައިނާއާވެސް އިންޑިއާއިން އަންނަނީ ގުޅުން ބަދަހި ކުރަމުންނެވެ.

މިދިޔަ ހަފުތާގައި ޗައިނާގެ ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގަންނަވާފައިވާއިރު، މި މަހު ފަހުކޮޅު މޯދީ ޗައިނާއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ހަތް އަހަރު ފަހުން މޯދީ އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެކެވެ.

ޓްރަމްޕް ގެންދަވަނީ އެކި ގައުމުތަކުގެ މުދަލުން ނަގާ ޓެރިފްތައް ބޮޑު ކުރައްވަމުންނެވެ. އެ ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކުރީ އިންޑިއާގެ މުދަލުން ނަގާނީ 25 ޕަސަންޓް ޓެރިފް ކަމަށެވެ. ނަމަވެސް އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އިންޑިއާގެ މުދަލުން އިތުރު 25 ޕަސަންޓް ނަގަން ޓްރަމްޕް ވަނީ ނިންމަވާފައެވެ.

އިންޑިއާއިން ބުނީ އެންމެ އަގުހެޔޮކޮށް ލިބޭ ތެޔޮ ގަތުމުގެ ހައްގު އެ ގައުމަށް ލިބޭ ކަމަށެވެ. އަދި އެމެރިކާގެ ޓެރިފަކީ އެއްވެސް އަސާސެއްނެތް ކަމެއް ކަމަށްވެސް އިންޑިއާއިން ބުންޏެވެ.

ރަޝިޔާއިން އިންޑިއާއަށް ތެޔޮ ވިއްކަނީ ގާތްގަނޑަކަށް ފަސް ޕަސަންޓް ޑިސްކައުންޓެއްގައެވެ.

ތެޔޮ ގަތުމުގައި އިންޑިއާ އިން މީގެކުރިން ބަރޯސާވެފައިވަނީ މެދުއިރުމައްޗަށެވެ. ނަމަވެސް 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމުން، ރަޝިޔާއަށް ދަތިކުރުމުގެ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމު (ޖީ7) އިން ވަނީ ތެޔޮ ފީފާއެއްގެ އަގު ބޮޑުކޮށް 60 ޑޮލަރަށް އަގު އުފުލާފައެވެ. އެހެންވެ، އިންޑިއާއިން ދެން ތެޔޮ ގަންނަފެށީ ސީދާ ރަޝިޔާއަތުންނެވެ.

comment ކޮމެންޓް