ފިލްމު "ޖޯ ޖީތާ ވޮހީ ސިކަންދަރު"ގެ މުހިއްމު ރޯލަކުން ފެނިފައިވާ އިންޑިއާގެ ބަތަލާ އަދި ޝޯ ހޯސްޓް ޕޫޖާ ބެދީގެ މަންމަ މި ދުނިޔެ ދޫކޮށްފައިވާތާ އެތައް އަހަރެއްވީ އިރުވެސް މިހާތަނަށް މަންމަ ޕްރޮތިމާ ބެދީގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.
ހިންދީ ސިނަމާގެ އިތުރުން ހޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ އެކްޓަރު ކަބީރު ބެދީގެ ފުރަތަމަ އަންހެނުން ޕްރޮތިމާ ގޯރީ ބެދީ އަކީ ކްލެސިކަލް ޑާންސަރެއްގެ އިތުރުން މޮޑެލް ކުރުމުގެ ދާއިރާގައި މަސައްކަތްކުރި ހުނަރުވެރި ފަންނާނެކެވެ.
ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕޫޖާ ބެދީ ބުނެފައި ވަނީ އޭނާގެ މަންމަ އަކީ އަބަދުވެސް ގުދުރަތީ މާހައުލުތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ މީހެއް ކަމަށެވެ. އެހެންކަމުން މަންމަ މަރުވީ ވެސް ބޭނުންވި ގޮތަކަށް ހިތްގައިމު ގުދުރަތުން ފުރިފައިވާ ރީތި މަންޒަރުތައް އެކުލެވޭ މާހައުލެއްގައި ކަމަށާއި އެއީ މަންމަ އަބަދުވެސް ބޭނުންވިގޮތް ކަމަށް ޕޫޖާ ބުނެފައިވެއެވެ.

ޕޫޖާ އަދި މަންމަ ޕްރޮތިމާ--ފޮޓޯ/ފިލްމުފެއަ
މަންމަ ޕްރޮތިމާ މަރުވީ އުމުރުން 49 އަހަރުގައި ކަމަށާއި މަންމައާ އެކު ވަރަށް ގިނަ ކަންކަން ކުރަން ބޭނުންވެ އެ ފުރުސަތު ނުލިބުނީތީ މިހާރުވެސް އެކަން ހިތުގައި އޮންނަ ކަމަށް ޕޫޖާ ވަނީ ބުނެފައެވެ.
ނަމަވެސް މަންމަ ޕްރޮތިމާ ދުނިޔެދޫކުރިއިރު ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވި ގިނަ ކަންކަން ހާސިލުވެފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ ގުދުރަތީ މާހައުލެއްގައި ހުއްޓާ މަރާ ކުރިމަތިލުން ކަމަށް ޕޫޖާ ވަނީ ބުނެފައެވެ.
މަރުވުމުގެ ކުރިން މަންމަ ވަނީ މަންމަގެ ނަމުގައި ހުރި ހުރިހާ މުދަލަކާއި، ޕްރޮޕަޓީތަކާއި ގަހަނާތައް ވެސް ޕޫޖާއަށް ލިބޭނެގޮތަކަށް ވަސިއްޔަތެއް ތައްޔާރުކޮށްފައި ކަމަށް ޕޫޖާ ބުނެފައިވެއެވެ.

ޕޫޖާ ބެދީ ދަރިފުޅު އަދި ބަތަލާ އަލާޔާއާ އެކު--ފޮޓޯ/ފިލްމުފެއަ
ޕްރޮތިމާ އާއި ކަބީރު ބެދީގެ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅަކީ ޕޫޖާ ކަމަށް ވުމުން ޕްރޮތިމާ ދިޔައީ ހުރިހާ މުދަލެއް ޕޫޖާގެ ނަމަށް ބަދަލުކޮށްފައި ކަމަށާއި އެކަމާ އޭރު އިންކާރުކުރި ކަމަށް ވެސް ކޮލަމިސްޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޕޫޖާ ވަނީ ބުނެފައެވެ.
އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ މަނާލީގައި އޮންނަ ޓައުން ކަމަށްވާ ކުއްލޫއަށް ދިއުމުގެ ކުރިން މަންމަ ޕްރޮތިމާ ވަނީ 12 ސޮފްހާގެ ދިގު ސިޓީއެއް ލިޔެފައި ކަމަށާއި އެ ސިޓީގައި މަންމަ އުފަންވުމާ ހަމައިން ފެށިގެން ދިރިއުޅުމުގެ ޚާއްސަ ދުވަސްތަކާ ގުޅޭ ހުރިހާ ވާހަކަތަކެއް ލިޔެފައިވާ ކަމަށް ޕޫޖާ ވަނީ ބުނެފައެވެ.
ކުއްލޫއަށް ދިއުމަށްފަހު މަންމަ ޕްރޮތިމާ ބުނެފައި ވަނީ އެތަނުގައި ދިރިއުޅެނީ ވަރަށް އުފަލުން ކަމަށާއި އެތަނުގެ ވާދީތަކުގެ ހިތްގައިމު ކަމުގެ ވާހަކަތައް އަބަދުވެސް ދެ މައިންގެ ދެމެދުގައި ދެކެވޭ ކަމަށެވެ.
ޕޫޖާގެ މަންމަ މަރުވެފައި ވަނީ އިންޑިއާގެ އުއްތަރުހާންދުގައި އޮންނަ ހިމާލިއަން ޓައުން ޕިތޮރާގަރުގެ އައްސޭރިއަށް 1998 ވަނަ އަހަރު އައި ވިއްސާރައިގެ ތޫފާނަކާ ގުޅިގެން މުޅި އެ އަވަށް އެއްކޮށް ނެތި ފަނާވުމުގެ ހާދިސާގައެވެ. އެއީ މިހާތަނަށް އިންޑިއާ ދުށް އެފަދަ އެންމެ ނުރައްކާތެރި ވަރުގަދަ ޠޫފާނު ކަމަށް މީޑިއާތަކުން ބުނެއެވެ.
އެ ހާދިސާއަށްފަހު ޕޫޖާގެ މަންމަ ގެންގުޅުނު ބައެއް ސާމާނުތަކާ އެކު ހަށިގަނޑުގެ ބައެއް ކަމަށް ބެލެވޭ ބައިތަކެއް ފެނުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ޕޫޖާގެ ފަރާތުން މިހާތަނަށް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ފިލްމު އިންޑަސްޓްރީއާ ދުރުގައި އުޅޭ ޕޫޖާ އަކީ ޒުވާން ބަތަލާ އަލާޔާ އެފްގެ މަންމައެވެ.