ވަރުން އާއި ޖާންވީގެ ފިލްމުގެ މަސައްކަތް ނިންމާލައިފި

ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ޝޫޓިންގް ނިންމާލުމަށްފަހު ޑައިރެކްޓަރު ޝަޝާންކް ފިލްމުގެ މުހިއްމު ތަރިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑް ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ވަރުން ދަވަން އެކީގައި މަސައްކަތް ފެށި ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ފިލްމުގެ މަސައްކަތް ނިންމާލައިފިއެވެ.

ވަރުން އާއި ޖާންވީގެ އިތުރުން ކާސްޓުގައި ސާންޔާ މަލްހޯތުރާ އަދި ރޯހިތު ޝަރަފު ވެސް ހިމެނޭ މި ފިލްމަކީ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭނެ ލޯބީގެ ފިލްމެކެވެ.

ޑައިރެކްޓަރު ޝަޝާންކް ހައިތަންގެ މި ފިލްމުގެ މަސައްކަތް ނިންމާލިކަން އިއުލާނުކުރަމުން އެކްޓަރު ރޯހިތު ޝަރަފް ވަނީ ފިލްމު ކްރޫއާ އެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ރޯހިތުގެ ޕޯސްޓުގައި ބުނެފައި ވަނީ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ޝޫޓިންގް ކުރިއަށްދިޔަ މާހައުލަކީ ވަރަށް ހެއްވާ މަޖާ ކަންކަމާ ދިމާވި އުފާވެރި މާހައުލެއް ކަމަށެވެ. ހަމައެއާއެކު ފިލްމުގައި ހިމެނޭ ހެއްވާ މަޖާ ހާދިސާތަކުން ކްރޫއިން ހެއްވާލިގޮތަށް ބެލުންތެރިން ވެސް ހެއްވާލާނެ ކަމަށް ރޯހިތު ވަނީ ބުނެފައެވެ.

ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމުގެ ޕޯސްޓަރުތަކެއް މިދިޔަ ޖުލައި މަހު ތެރޭ ބެލުންތެރިންނަށް ދައްކާލިއިރު ފިލްމު ސިނަމާތަކަށް ގެންނާނެކަމަށް ބުނެފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހެވެ. މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންސްއިން ކަރަން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.

ވަރުން އާއި ޖާންވީ އެކީގައި އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިފައި ވަނީ 2023ވަނަ އަހަރު ޑައިރެކްޓަރު ނިތޭޝް ތިވާރީ ގެނެސްދިން ފިލްމު "ބަވާލް"އިންނެވެ.

މީގެކުރިންވެސް ޑައިރެކްޓަރު ޝަޝާންކްއާ އެކު މަސައްކަތްކޮށްފައިވާ މި ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީއަށް "ބަވާލް"އިން ލިބުނު ތަރުހީބާ އެކު ބެލުންތެރިންނަށް މިއީ މާބޮޑަށް ކަމުދިޔަ ޖޯޑަކަށް ވަނީ ވެފައެވެ.

comment ކޮމެންޓް