ހަރްޝްވަރުދަންގެ ލޯބީގެ ފިލްމު މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރަނީ

ފިލްމު "އޭކް ދީވާނޭ ކީ ދީވާނިއްޔަތު"ގެ އާ ޕޯސްޓަރު--ފޮޓޯ/ޕިންކްވިލާ

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ އެކްޓަރު ހަރްޝްވަރުދަން ރާނޭގެ އާ ފިލްމު "އޭކް ދީވާނޭ ކީ ދީވާނިއްޔަތު" މި އަހަރުގެ އޮކްޓޯބަރު މަހު ސިނަމާތަކަށް ގެންނަން ނިންމިކަން އިއުލާނުކޮށްފިއެވެ.

ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚާ އެކު މި ފިލްމުގެ އާ ޕޯސްޓަރެއް ވެސް ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ. އިންޑިއާގެ މި އަހަރުގެ ދިވާލީ ފެސްޓިވަލްއާ ދިމާކޮށް ސިނަމާތަކަށް ގެންނަ މި ފިލްމުގެ ބަތަލާ އަކީ ސޯނަމް ބާވްޖާއެވެ.

އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ސޯނަމް އަކީ މިފަހުން ބޮލީވުޑްގެ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ ފިލްމީ ތަރިއެކެވެ. އެގޮތުން ދާދިފަހުން ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ހައުސްފުލް 5"ގެ ރޯލަކުން ސޯނަމް ފެނުނުއިރު ފިލްމު "ބާޣީ 4"ގެ ލީޑް ބަތަލާއިންގެތެރޭ ވެސް ސޯނަމް ހިމެނެއެވެ.

ފިލްމު "އޭކް ދީވާނޭ ކީ ދީވާނިއްޔަތު"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

މި ފިލްމުގެ އާ ޕޯސްޓަރާ އެކު ހަރްޝް ބުނެފައި ވަނީ ފިލްމު "ސަނަމް ތޭރީ ކަސަމް" ރީތިވި ބެލުންތެރިންނަށް, ފިލްމު "އޭކް ދީވާނޭ ކީ ދީވާނިއްޔަތު" ހަމަ ޔަގީނުންވެސް ކަމުދާނެ ކަމަށެވެ. ފިލްމުގެ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ބުނެފައިވާ ގޮތުގައި މިއީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޚާއްސަކޮށް ސޯނަމް އާއި ހަރްޝްގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށާއި ފިލްމު ސިނަމާތަކަށް ގެނެސްދެވޭނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް މިލަޕް މިލަން ވަނީ ބުނެފައެވެ. މި ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚަކީ އޮކްޓޯބަރު މަހުގެ 21އެވެ.

މި ފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހަރްޝްއަށް ލިބުނީ ފިލްމު "ސަނަމް ތޭރީ ކަސަމް"އިން ލިބުނު ކާމިޔާބީއާ ގުޅިގެން ކަމަށް ބުނެ، ބެލުންތެރިންގެ ފަރާތުން އެ ފިލްމަށް ލިބުނު ތަރުހީބަށް އެކްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ.

އެ ފިލްމުގެ ދެވަނަ ބައެއް އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ އިރު، އެ ފިލްމުގައި ކުރީގެ ކާސްޓުން ހިމެނޭނެ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

comment ކޮމެންޓް