ގައުމިއްޔަތުގެ ނަމުގައި ފާޑުކިޔުން ނައްތާލަން އުޅެނީ ހުދުމުޚުތާރު ވެރިކަމެއް ކުރަން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: އޭނާ ލިޔުއްވާފައިގޮތުގައި، މި ސަރުކާރުން މީޑިއާ 'ކޮންޓްރޯލްކޮށް' ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ގައުމިއްޔަތާއި އަބުރު ރައްކާކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިއުން ނައްތާލަން މަސައްކަތްކުރަނީ ހުދުމުޚުތާރު ވެރިކަމެއް ކުރަން ކަމަށާއި އެއީ ހުދުމުޚުތާރު ވެރިންގެ ސިފައެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ހިތަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމާއި ލިޔުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ވިދާޅުވެ، ރީތި އާދަތައް ދެމެހެއްޓުމަށް ގޮވާލައްވައިފައެވެ. ފާހަގަކުރެވޭ ގޮތުގައި އެ މަނިކުފާނު އެފަދައިން ގޮވާލައްވާފައި ވަނީ މީޑިއާތައް 'ކޮންޓްރޯލް ކުރާ' ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ބިލުގެ ބަހުސް ވެސް ފަށާފައިވަނިކޮށެވެ.

https://sun.mv/210361

ރައީސްގެ ވާހަކަފުޅަށް ރައްދުދެއްވައި، ގައުމިއްޔަތާއި އަބުރު ރައްކާކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިއުން ނައްތާލަން މަސައްކަތްކުރުމަކީ ހުދުމުޚުތާރު ސިފައެއްގެ ގޮތުގައި ސިފަކުރައްވައި، އެފަދަ ވެރިއެއްގެ އަމާޒަކީ އެ ވެރިންގެ ނޭއްގާނީ އަމަލުތައް އާންމުންނަށް ނޭނގުން ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިޚުލާސްތެރި ޚިދުމަތެއް ކޮށްގެންނެވެ.

"އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުުޅައިގަންނާނެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނަން،" ފައްޔާޒް ލިޔުއްވި ޕޯސްޓުގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވެސް ވަނީ މި ސަރުކާރުން މަޖިލީހަށް ވައްދައިގެން ފާސްކުރާ 'ބޭކާރު' ހުރިހާ ގާނޫނެއް އުވާލާނެކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީނަށް އިޝާރާތްކުރައްވައި ފައްޔާޒް އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީޑިއާއާއި ނޫސްމަޖައްލާތަކުގެ މިނިވަންކަން ނަގާލުމަށް ކުރާ މަސައްކަތް މި ފަހަރު ވެސް ކާމިޔާބެއް ނުވާނެއެވެ.

ފައްޔާޒް މިހެން ލިޔުއްވާފައިވީ ނަމަވެސް ސަރުކާރުން ބުނަނީ މީޑިއާ ކޮންޓްރޯލްކުރާ ބިލުގެ ސަބަބުން މީޑިއާތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގައި މިދިޔަ އަންގާރަ ދުވަހު އެ ބިލަށް ބަހުސްކުރައްވަމުން ބިލުގެ ދިފާއުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، މި ބިލު އެކުލަވާލާފައިވަނީ ބައިނަލްއަގުވާމީ ވަރަށް ގިނަ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

އެ ބިލާ ގުޅޭ ގޮތުން މިހާރު ވެސް ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި އިދިކޮޅު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ނާޒިމް ވިދާޅުވީ، ބިލުގެ ކޮމިޓީ މަރުހަލާގައި މީީޑިއާތަކާ ބައްދަލުކުރާނެ ކަމަށާއި، މީޑިއާތަކުގެ ކަންބޮޑުވުން އޮތް ނަމަ، އެ ކަންބޮޑުވުންތައް ބަލައިގަނެ އެކަމާ ގުޅޭ ގޮތުން ވާހަކަ ވެސް ދައްކާނެ ކަމަށެވެ.

https://sun.mv/210194

ނަމަވެސް، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)ގެ އިތުރުން އައިއެފްޖޭ އާއި ބޭރުގެ އެހެނިހެން ޖަމިއްޔާތަކުން ވަނީ ބިލު އަނބުރާ ގެންދަން ގޮވާލައިފައެވެ.

މިފަހަރު 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު' އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައިވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަންޖެހެއެވެ.

https://sun.mv/210110

އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްޙޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނޭނެއެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސުލްޖުމްޙޫރިއްޔާއެވެ.

ނަމަވެސް، ކުރިން ކޮމިޝަންގެ ރައީސާއި ނައިބުރައީސް ވެސް އައްޔަނުކުރާނީ ކޮމިޝަންގެ ތެރެއިން ނަގާ ވޯޓަކުންނެވެ.

މި ބިލުގައި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ކޮމިޝަނުން ރަނގަޅުކުރުމަށް އަންގާ ކަމެއް އިސްލާހުކުރުމަށް އަންގާފައިވާ މުއްދަތުގެ ތެރޭގައި އިސްލާހުނުކޮށްފިނަމަ 5،000 ރުފިޔާއާއި، 25،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ގާނޫނާ ޚިލާފުކަމެއް މީޑިއާ ނުވަތަ ނޫސް މަޖައްލާއަކުން ކޮށްފި ހާލަތުގައި 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނާފައެވެ.

ވަކިން ޚާއްސަކޮށް ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ލިބޭގޮތަށެވެ. އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށް ފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއްނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ.

މި ބިލުގައިވާ ގޮތުން ކޮމިޝަނަށް ހުށަހަޅާ ކޮންމެ މައްސަލައެއް ތަހުގީގުކޮށް ބެލުމުގެ ބާރު އެ ކޮމިޝަނަށް ލިބޭއިރު، ކޮމިޝަން އުފައްދާތާ ނުވަތަ ބިލު ތަސްދީގުކުރާތާ އަހަރެއް ކުރިން ހިނގާފައިވާ މައްސަލަތައް ވެސް އެ ކޮމިޝަނަށް ބެލޭނެއެވެ.

comment ކޮމެންޓް