ކީރިތި ޤުރުއާން ލިޔެފައިހުންނަ ލިޔުން އަންދައިގެން ނައްތައިލުން

ދިވެހިންނަކީ ކީރިތި ޤުރުއާނަށް ވަރަށް ލޯބިކުރާ ބައެކެވެ. އެ ފޮތަށް ވަރަށް ބޮޑަށް އިޙްތިރާމުކުރާ ބައެކެވެ. ކިޔަވަން ގެންގުޅޭ މުޞްޙަފާއި، ފޮތްބަޔާއި، ކަހަފު ސޫރަތާއި އެ ނޫން ބައެއް ސޫރަތް ލިޔެފައި ހުންނަ ކުދި ފޮތްތައް ވެސް ގެންގުޅޭ ބައެކެވެ. އެ ތަކެތީގެ އިސްތިޢުމާލު ގިނަވެ ފޮތްތައް ބައުވެ ހަލާކުވުމުން އައު ފޮތްތައް ހޯދައެވެ. ނަމަވެސް ކުރިން ގެންގުޅުނު ބައު މުޞްޙަފާއި ފޮތްތައް ވެސް އުކާނުލައި ބަހައްޓައެވެ.

ޤުރުއާނަށް ކުރާ ލޯތްބަކާއި އިޙުތިރާމެއްގެ ބޮޑުކަމުން ވަރަށް ގިނަ ގޭގޭގެ ކަބަޑުތަކުގައި ބައުވެ ހަސްފަސްނެތިފައި ހުންނަ ކީރިތި ޤުރުއާނުގެ ޗާޕުތައް އުކާލަން ނުކެރި ބަހައްޓާފައި އެބަހުއްޓެވެ. އެ ތަކެތި އެހެން ހުރުމުން އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެ ތަކެތި ހަލާކުވުމުގެ އިތުރުން ކަރުދާހުގައި ކަތުރުފަނި އަޅައި، ގެދޮރަށް ބޮޑެތި ގެއްލުން ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިފަދަ އެތައް ސަބަބުތަކަކަށް ޓަކައި، ބައުވެ ހަލާކުވަމުންދާ މުޞްޙަފުތަކާއި ކީރިތި ޤުރުއާނުގެ އާޔަތް ލިޔެފައި ހުންނަ ފޮތްތައް ރަނގަޅު ގޮތުގައި ނައްތައިލުމުގެ މަސައްކަތަކީ ކުރުން ކޮންމެހެން ބޭނުން މަސައްކަތެކެވެ. އެ ކަން ކުރާނެ ޞައްޙަ ރަނގަޅު މަގާއި ގޮތްތަށް ދަސްކޮށް އެ ގޮތްތަކުގެ މަތިން އެފަދަ ތަކެތި ނައްތައިލަން ވާނެއެވެ.

ބައުވެ ހަލާކުވަމުންދާ މުޞްޙަފުތަކާއި ކީރިތި ޤުރުއާނުގެ އާޔަތް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް ނައްތައިލުމަށް ކަމާ ބެހޭ އިދާރާތަކާ ހަވާލުކުރުން އެއީ މި ކަން ކުރެވިދާނެ އެއް ގޮތެވެ. އަނެއް ގޮތަކީ އަމިއްލައަށް ކުރުމެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އެ އިންތިޒާމު އޮންނަނީ ހަމަޖައްސައި ދެއްވައިފައެވެ. އަދި ކައުންސިލް ތަކުން ވެސް ދޭތެރެދޭތެރެއިން ބައު މުޞްޙަފާއި ދީނީ ފޮތްތަކާއި ޤުރުއާނުގެ އާޔަތް ލިޔެފައިވާ ހަލާކުވެފައި ހުންނަ ތަކެތި ނައްތައިލުމުގެ ޕްރޮގުރާމުތައް ހިންގައި އެ ކަން ރަށުތެރޭ އިޢުލާނު ވެސް ކުރެއެވެ. މިފަދަ ފުރުޞަތުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފަންވާނެއެވެ. އެ ގޮތަށް ހިންގާ ކޮންމެ ހަރަކާތަކީ އެ ކަމަށް ޚަރަދުތަކެއް ވެސް ހިނގާނެ ކަންކަމަށް ވާތީ އެ ކަން ކުރާ ވަގުތު ވީހައި ގިނަ ތަކެތި އެއްފަހަރާ ނައްތައިލުމަކީ ކުރާ ޚަރަދާ މަސައްކަތް ބައްދަލު ވެސް ވާނެގޮތްމެއެވެ. އެހެންވީމާ އެފަދަ ޕްރޮގުރާމެއްގެ ޚަބަރު ލިބިއްޖެއްޔާ އެ ވާހަކަ ވީހާ ގިނަ މީހުންނަށް އަންގައިގެން ބައުވެފައި ހުންނަ ތަކެތި ޖަމާ ކުރުމުގައި އެހީތެރިވާ މީހަކު ކަމުގައި އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ވާން ޖެހޭނެއެވެ.

މީގެ އިތުރުން ބައެއް ޖަމިއްޔާޖަމާޢަތްތަކުން ވެސް މިފަދަ ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ކުރާތީ އަޑުއިވެއެވެ. ގޭގައި ބައުވެފައި ހުންނަ ތަކެތި ނުބަހައްޓައި އެފަދަ ބަޔަކާ ހަވާލުކުރުމަކީ ވެސް މި ކަން ކުރުމަށް އެދެވިގެން ވާ ގޮތެކެވެ.

ދެން އޮތީ "އެފަދަ މުއައްސަސާއަކާ ހަވާލުނުކޮށް އަމިއްލައަށް ވެސް މި ދެންނެވި ފަދަ ލިޔުންތައް ނައްތައިލެވިދާނެތޯ؟" އަހައި މީހުން ކުރާ ސުވާލެއެވެ. ޖަވާބުގައި ބުނަން އޮތީ "އާނއެކެވެ!" ކޮންމެ ގޮތަކަށް ކުރިކަމުގައި ވިޔަސް، އެފަދަ ތަކެތި އަންދައި އަޅިޔަށް ހެދުން އެއީ މި ވަގުތަށް އޮތް އެންމެ ރަނގަޅު ހައްލު ކަމުގައި ދެކެމެވެ. މިއީ ޚަލީފާވެރި ބޭބޭކަލުން ވެސް އެ ކަން ކުރެއްވި މަގެވެ. ޢުޘްމާނުގެފާނު ކީރިތި ޤުރުއާން ޖަމާކުރެއްވުމަށް ފަހު އޭގެ ކުރިން މީސްތަކުންގެ ތެރޭ ގެންގުޅުނު ޞައްޙަ ނޫން ފަތްފުށްތަކާއި ބައުވެފައި ހުރި ތަކެތި ވެސް އަންދައިލެއްވި ކަމަށް ތާރީޚު ހެކިދެއެވެ.

އެހެން ނަމަވެސް ދަންނަވަންތޯއެވެ؟ ބައުވެ ހަލާކުވަމުންދާ މުޞްޙަފުތަކާއި ކީރިތި ޤުރުއާނުގެ އާޔަތް އަމިއްލައަށް އަންދާނެ ނަމަ، ސަމާލުވާންވީ މުހިންމު ބައެއް ކަންކަން އެބަ ހުއްޓެވެ. އެންމެ ފުރަތަމައީ އެފަދަ ލިޔުންތައް އެއް ތަނަކަށް އެއްކުރުމެވެ. އެއަށް ފަހު އެންދުމަށް ޓަކައި އަޅާނެ ރަނގަޅު އެއްޗެއް ހޯދުމެވެ. ދަނގަޑު ފީފާ ބުރިއެއް ނުވަތަ ޑަބިޔާއެއް ކަހަލަ އެއްޗެއް އެ ކަމަށް ރަނގަޅުވާނެއެވެ. އަންދަން ބޭނުންވާ ފޮތްތަކުގެ ގަނޑުތައް ވަކިވަކިން ނައްޓައިފައި އެއް ގަނޑުގައި ރޯކޮށްފައި އެ ޓައްޕުގެ ތެރެއަށް ލާށެވެ. އަދި އެއަށް ފަހު ފަހަރަކު ގަނޑެއް ވަކިވަކީން އަލިފާނުގެ ތެރެއަށް ލަމުން ގެންދާށެވެ. ގަނޑުތައް ވަކިވަކިން އަލިފާނުގެ ތެރެއަށް ލާން ޖެހޭ ސަބަބަކީ އެއްކޮށް ނުވަތަ އެއްފަހަރާ ގިނައިން ގަނޑު އަޅައިފިއްޔާ، ޖެހިފިތި ބާރުވެފައި ހުންނަ ގަނޑުތަކުގެ ބައެއް ހިސާބުތައް ނުއަނދާ ހުރެދާނެތީއެވެ.

އަދި ހަމައެހެންމެ މި ކަން ކުރަންވާނީ ވަރަށް އިޚުލާޞްތެރި ހިތަކައިގެންނެވެ. ﷲގެ ޙަޟްރަތުން ސަވާބާއި ދަރުމަ އަދައިގެންނެވެ. ފޮޓޯއާއި މަންޒަރުނަގައި އާންމުކޮށް އިޢުލާނުކޮށްގެނެއް ނޫނެވެ. މީހުންނަށް ދައްކައި ތިބާ ކުރާ ހެޔޮ ޢަމަލުތައް އިސްތިހާރުކުރާކަށް ނުވާނެއެވެ. މިފަދަ ޒަމާނެއްގައި އިސްލާމުންތަކެއް މުޞްޙަފު އަންދައި ރޯކުރަނީ ކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ހިފެހެއްޓުމެއް ނެތި އެ ވާހަކަ ފަތުރައިލަފާނެއެވެ. ކާފިރަކު އެ ކަން ކުރީމާ މުސްލިމުން ރުޅިއަރާ ކަމަށް ބުނެ ފިތުނަ ވެސް އުފައްދަފާނެއެވެ. މުޞްޙަފެއްގައި ރޯކޮށް އަންދައި އެއަށް ކުޑައިމީސްކޮށް ހަޖޫ ޖަހާ ހެދުމާ، ބައުވެގެން ނައްތައިލުމުގެ ނިޔަތުގައި އެ ކަމުގެ ބޭނުން ބޮޑު ކަމުން އެފަދަ ތަކެތި އެންދުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. އެ ކަން އެނގެނީ އަޅުގަނޑުމެން މުސްލިމުންނަށެވެ.

comment ކޮމެންޓް