އޭ މުސްލިމް އަޚާއެވެ! ތިބާއީ އަންހެން ދަރިއެއްގެ ބައްޕައެކެވެ. އަންހެން ދަރިންނަކީ އިސްލާމްދީނުގައި އެންމެ މަތީ ޝަރަފާއި ޤަދަރު ދެވިގެންވާ ފަރާތެވެ. އެއީ މި އުންމަތުގެ ދެބައިކުޅައެއްބައެވެ. އަނެއްބައި އުފަންކޮށް ތަރުބިޔަތު ކުރަނީ އެ މީހުންނެވެ. އެ ދަރިންގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ފުރިހަމަކޮށްދެވޭނީ ތިޔަ ބައްޕައަށެވެ. އެ ދަރިފުޅުގެ އެއްވެސް ކަމަކަށް އިހުމާލު ނުވުމަށް ލިޔުމުގެ މި ހިސާބުން ތިބާއަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ!
އެ ކުދިންނާމެދު ޢަދުލުވެރިކަމާއި އިންސާފުން ޢަމަލު ކުރެވޭނީ އަޅުގަނޑުމެންގެ ދީނުގައި އަންހެންދަރިންނާމެދު އެ ދަރިންގެ ޚާލިޤު ބަޔާން ކޮށްދެއްވި ހުރިހާ ކަމެއް ރަނގަޅަށް ދަސްކޮށްގެންނެވެ. އެ ކަންކަން ފަހުމު ވޭތޯ ﷲއަށް ދުޢާކުރުމާ އެކު އޭގެ ޢިލްމު ހޯދަން ފަށައިގަންނާށެވެ! މި ލިޔުމުގައި އޭގެ ބައެއް މަޢުލޫމާތު ހުށަހަޅައިދޭނަމެވެ. - إن شاء الله -
ކާއިނާތުގެ ވެރި އިލާހަކީ އުޑުތަކާއި ބިންތަކުގެ ވެރި ﷲއެވެ. އެއިލާހަކީ އިރާދަކުރެއްވި ކޮންމެ ކަމެއް، އިރާދަކުރެއްވި ކޮންމެ ގޮތަކަށް، ކުރައްވައި މަތިވެރިވެވޮޑިގެންވި ފަރާތެވެ. ﷲ އިރާދަކުރެއްވި ބަޔަކަށް، އިރާދަކުރެއްވި މިންވަރަކަށް، އިރާދަކުރެއްވި ޖިންސެއްގެ ދަރިން ދެއްވަތެވެ. އަދި އިރާދަކުރައްވައިފިނަމަ ދަރިޔަކު ދެއްވުމުން ބަޔަކު މަޙުރޫމުކުރައްވަތެވެ. ކީރިތި ޤުރްއާނުގައި الله تعالى ވަޙީކުރައްވައިފައި ވެއެވެ. ﴿لِّلَّـهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ(٤٩) أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ(٥٠)﴾ (سورة الشورى) (މާނައީ: "(49)އުޑުތަކާއި، ބިމުގެ ވެރިކަން ވަނީ ﷲއަށެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެ ކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ. (50)ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު، ދަރިމައިނުވާ މީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
މި އާޔަތްތަކުން އެނގި ސާފު ވަނީ ދަރިން ދެއްވުމާއި ނުދެއްވުން އެއީ ﷲގެ މިލްކިއްޔާތުގައި ވާ ކަމެއް ކަމެވެ. އަދި ދަރިން ދެއްވަނީ އެއީލާހު އިރާދަކުރެއްވި ބަޔަކަށް ކަމެވެ. އަދި އެއިލާހު އިރާދަ ކުރައްވައިފިއްޔާ އެއްވެސް ދަރިޔަކު ނުދެއްވާ ބަޔަކު ތިބޭނެ ކަމެވެ. އަދި ދަރިންދެއްވާ މީހުންނަށް ބައެއް ފަހަރު ދެ ޖިންސުގެ ކުދިން ދެއްވުމަށް އިރާދަކުރައްވާ ކަމާއި، ހަމައެކަނި އަންހެންދަރިން ދެއްވާ ބަޔަކާއި، ހަމައެކަނި ފިރިހެންދަރިން ދެއްވާ ބަޔަކު ވެސް އުޅޭ ކަމެވެ.
އެހެންކަމުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ވެސް މި އާޔަތުގައި މި އަންގަވާ ފިލާވަޅުތައް ހިތުގައި ބެހެއްޓުން ވަރަށް މުހިއްމެވެ. ކޮން ފިލާވަޅެއް ތޯއެވެ؟ އާދެ! އެއީ ތައުޙީދުގެ ފިލާވަޅެކެވެ. ރުބޫބިއްޔަތަށް އީމާން ވުމުގެ ފިލާވަޅެކެވެ. ދަރިޔަކު ދެއްވުމުން، ތިމަންނާ އަށް ލިބުނު ދަރިޔެކޭ ނުބުނާށެވެ! އެހެނަސް ﷲ ދެއްވި ދަރިޔެކޭ ބުނާށެވެ! ދަރިން ލިބެނީއެއް ނޫނެވެ. ﷲ ދަރިން ދެއްވަނީއެވެ. އަޅުގަނޑުމެންނަށް އެނގުމަކައިނުލާ ވެސް ﷲގެ ރުބޫބިއްޔަ ވަންތަ މަތިވެރި ސިފަފުޅަކަށް އިޢްތިރާފު ނުވެވޭފަދަ ލަފުޒެއް ބޭރު ނުކޮށް ވޭތޯ ބަލަންވާނެއެވެ. ތިމަންނާއަށް ލިބުނު ފިރިހެންދަރިއެކޭ ނޫނީ އަންހެންދަރިއެކޭ ބުނުމަށްވުރެ، ﷲ ތިމަންނާއަށް ދެއްވީ، އެވެނި، މިވެނި، ދަރިއެކޭބުނުން، ﷲގެ ޙަޟްރަތުގައި މާ ހެޔޮކަން ބޮޑެވެ. އަދި އޭގެ ސަބަބުން ތިބާގެ އީމާންތެރިކަން ވެސް ތަޒާވެ، ތިބާއާއި ﷲއާ ދެމެދު އޮންނަ ގުޅުން އިތުރުވެ ތަރައްޤީ ވެއެވެ.
އިސްވެ ބަޔާންވެ ދިޔަ އާޔަތުގައި އަންހެން ދަރިން ދެއްވާ ވާހަކަ އިސް ކުރައްވައިފައި ވުމުގެ ޙިކްމަތެއް ވާކަމަށް ޢިލްމުވެރިން ބަޔާންކުރަށްވައެވެ، ވިދާޅުވަނީ، އެ ކަމުން އަންހެންދަރިންގެ ޤަދަރާއި ޝަރަފު، އަދި އެ ދަރިންނަށް ދެވޭ އަހައްމިއްޔަތާއި، ރައްކާތެރިކަން ދޭހަވާ ކަމުގައެވެ. (ނުނިމޭ)