ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ބައިނަލްއަގުވާމީ މީޑިއާގައި މަސައްކަތްކުރާ ހަތަރު ނޫސްވެރިން ހިމެނޭ ގޮތަށް 15 މީހުން ޝަހީދުކޮށްލައިފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ ނަސީރު ހޮސްޕިޓަލަށް ދިން އެ ހަމަލާގައި ޝަހީދުކޮށްލި އެކަކީ އެ ނޫހުގެ ކެމެރާމަނެއް ކަމަށްވާ ހުސާމް އަލް މަސްރީއެވެ. އަނެއް ތިން ނޫސްވެރިންނަކީ އަލްޖަޒީރާގެ ފޮޓޯ ޖާނަލިސްޓް މުޙައްމަދު ސަލާމާއި އިންޑިޕެންޑެންޓް އެރަބިކް އަދި އެސޯސިއޭޓެޓް ޕްރެސްގެ އިތުރުން އެހެން ބައެއް މީޑިއާތަކަށް ވެސް މަސައްކަތްކޮށްދޭ ޖާނަލިސްޓް މަރްޔަމް އަބޫ ދާގާ އަދި އެންބީސީ ނެޓްވޯކަށް މަސައްކަތްކުރާ މުއާޒް އަބޫ ތާހާއެވެ. މި އެންމެންނަކީ ވެސް ފަލަސްތީނު މީހުންނެވެ.
އެކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ވަކި އެއްޗެއް ނުބުނެއެވެ.
މި މަހުގެ 11 ވަނަ ދުވަހު ވެސް އިސްރާއީލުން ވަނީ އަލް ޖަޒީރާގެ ފަސް ނޫސްވެރިޔަކު ޝަހީދުކޮށްލާފައެވެ. ޣައްޒާ ސިޓީގައި ހުންނަ ޓެންޓަކަށް ދިން އެ ހަމަލާ އަކީ އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު އަނަސް އަލް ޝަރީފަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އިސްރާއީލުން ބުނެއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން މުޅި ޣައްޒާގައި އިސްރާއީލުން ދިން ހަމަލާތަކުގައި ގާތްގަޑަކަށް 244 ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިން މަރުވެފައިވާ ކަމަށެވެ.