މަޝްހޫރު ވިޔަފާރިވެރިޔާ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކެރަފާ އަބްދުލްޣަނީ، 86އ، މިއަދު އަވަހާރަވެއްޖެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޣަނީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން، ތައިލެންޑުގެ ބެންކޮކްގައެވެ. އަވަހާރަވީއިރު އަނބިކަނބަލުންނާއި ދަރިކަލަކު ތިއްބަވައެވެ.
ޣަނީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ކްރައުން ކުންފުނީގެ އެއް ބާނީއެވެ.
ކްރައުން ކުންފުނިން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ކޮންރެޑް މޯލްޑިވްސް، ރަންގަލި ރިސޯޓާއި ވެލިގަނޑު އައިލެންޑް ރިސޯޓާއި ހައިޑަވޭ ބީޗް ރިސޯޓާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ހިމެނެއެވެ. އަދި މާލެ ސަރަހައްދުގައި އެންމެ ފުޅާކޮށް ޒަމާނީ ސިއްހީ ޚިދުމަތް ދޭ ޓްރީޓޮޕް ހޮސްޕިޓަލަކީ ވެސް ކްރައުންގެ އެސެޓެކެވެ.
ޣަނީއަކީ ފަތުރުވެރިކަމުގެ ބާނީން ކަމަށްވާ ޗަމްޕާ ހުސައިން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާއެކު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ފަތުރުވެރިކަމުގެ އެއް ބާނީ މުހައްމަދު މޫސާ (އުއްޗު) އާއި ކްރައުން އުފެއްދެވި އަހުމަދު ނަޒީރާއި (ވ) އަހުމަދު ސަލީމާއި (މ) ޣަނީ (ކ) --
ޣަނީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައްޕާފުޅާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމާފުޅާ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބޮޑުބޭބެ، ކެރަފާ އަބްދުލްޣަނީއަކީ ރާއްޖޭގައި ފަތުރުވެރިކަމާއި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުން ފަދަ ދާއިރާތަކަށް މަސައްކަތްކޮށްދެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.
ޣަނީއަކީ މެކޭނިކަލް އަދި އިލެކްޓްރިކަލް ޑިޒައިން ދާއިރާއިން ޚާއްސަވެފައިވާ އިންޖިނިއަރެކެވެ.
އޭނާއަކީ ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ރިސޯޓްތަކުގައި ޖަނަރޭޓަރާއި ޕެނަލް ބޯޑް އިންސްޓޯލްކުރުމާއި، ރެފްރިޖަރޭޝަން އަދި ކަނޑުއަޑީގެ އިލެކްޓްރިކަލް މަސައްކަތުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
ޣަނީ ކުރެއްވި މުހިންމު ބައެއް މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ފުރަތަމަ އިންޖީނުގެ އުފެއްދެވުމާއި، ރާއްޖޭގައި ފުރަތަމަ ވޮކޭޝަނަލް ޓްރެއިނިން ސެންޓާ (ވީޓީސީ) ގާއިމުކުރެއްވުން ހިމެނެއެވެ.