ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި ސައިފް އަލީ ޚާން 18 އަހަރު ފަހުން އެކީގައި މަސައްކަތްކުރާ ފިލްމު "ހައިވާން"ގެ ބަތަލާގެ ރޯލަށް ޝްރިޔާ ޕިލްގައޯންކަރު ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޝްރިޔާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޔަޝް ރާޖް ފިލްމްސްއިން ނެޓްފްލިކްސްގައި ގެނެސްދިން "މަންޑާލާ މާޑާސް"އިންނެވެ.
ބަތަލާ ވާނީ ކަޕޫރު ލީޑް ރޯލް ކުޅެފައިވާ މި ސީރީސްގައި ޕްރިޔާ ކުޅުނު ކެރެކްޓާއަށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނުއިރު ބަތަލާގެ ޕާފޮމެންސަށް ވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ސުޕްރިޔާ ޕިލްގައޮންކަރު އަދި ސަޗިން ޕިލްގައޮންކަރުގެ ދަރިފުޅު ޕްރިޔާގެ ކެރިއަރުގެ މަގުބޫލު ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ "މިރުޒަޕޫރު"، "ގިލްޓީ މައިންޑްސް" އަދި "ތާޒާ ޚަބަރު" ހިމެނެއެވެ.

ޕްރިޔާ ބަތަލާގެ މައިންބަފައިންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިދިޔަ މަހުތެރޭ ޝޫޓިންގް ފަށާފައިވާ "ހައިވާން"ގެ ޑައިލޮގް ތައްޔާރުކޮށްފައި ވަނީ ދާދިފަހުން ބޮކްސް އޮފީހުގައި ރެކޯޑު އަދަކަކަށް ކާމިޔާބު ހޯދި މިއުޒިކަލް ޑްރާމާ "ސައްޔާރާ"ގެ ޑައިލޮގްތައް ލިޔުނު ރޯހަން ޝަންކަރުއެވެ.
ޕްރިޔާދަރުޝަން ޑައިރެކްޓްކުރާ ފިލްމު "ހައިވާން" އަކީ މަޅަޔާލަމް ފިލްމު "އޮއްޕަމް"ގެ ރިމޭކްއެއް ކަމަށް ބޮލީވުޑް ރިޕޯޓުތައް ބުނެފައިވާއިރު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޕްރިޔާދަރުޝަންއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މި ފިލްމަކީ ބޮލީވުޑް ސްޓައިލް ތުރިލާ ފިލްމެކެވެ. އެހެންވެ ފިލްމުގައި ސަސްޕެންސާ އެކު ބެލުންތެރިންނަށް ކަމުދާނެ ކަހަލަ ޕްލޮޓެއް ގެނެސްދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ ސައިފް އާއި އަކްޝޭ އަހަރުތަކަކަށްފަހު ސްކްރީނުން ފެންނާނެ ފިލްމަކަށް ވުމުން ފިލްމަށް އިންތިޒާރުކުރެވޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
ސައިފާ އެކު އަކްޝޭ އެންމެ ފަހުން ކުޅުނު ފިލްމަކީ 2008 ވަނަ އަހަރު ރިލީޒްވި ފިލްމު "ތަޝަން"އެވެ.