ގޭންގްތައް މޮނިޓާކޮށް، ނުހައްގުން ހޯދި މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ފަށައިފި

ފުލުހުންތަކެއް: ކުށްކޮށްގެން ހޯދި މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި -- ސަން ފޮޓޯ

ގޭންގްތަކުގެ އާ ގާނޫނާ އެކު އާންމުކޮށް ކުށްކުރާ ގްރޫޕްތަކުގައި ހަރަކާތްތެރިވާ މީހުން މޮނިޓާކުރުމުގެ އަމުރު ނެރެ، އެ މީހުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފިއެވެ.

ގޭންގްތައް ހުއްޓުވަން ފުލުހުންނަށް ގިނަ ބާރުތަކެއް ލިބޭ އާ ގާނޫނަށް އިއްޔެ ވަނީ އަމަލުކުރަން ފަށާފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާ ގާނޫނު ތަންފީޒުކުރަން ފުލުހުން ވަރަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، ހައިކޯޓު މެދުވެރިކޮށް އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތައް ކަނޑައެޅުމާއި އެ ކަންކަމުގައި އާންމުކޮށް ހަރަކާތްތެރިވާ މީހުންގެ މައްޗަށް މޮނިޓާކުރުމުގެ އަމުރު ނެރުމަށާއި އެ ގްރޫޕުތަކުގައި ހަރަކާތްތެރިވާ ކުޑަކުދިން ރައްކާތެރިކުރުމުގެ އަމުރު ނެރެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގްރޫޕެއްގެ ރިޕޯޓު ޕީޖީ އޮފީހަށް ހުށަހަޅާނެ ކަމަށެވެ.

މީގެ އިތުރުން، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތަކަށް ނިސްބަތްވާ މީހުން ނުހައްގުން ހޯދާފައިވާ މުދާތައްް ދައުލަތަށް ނެގުމާއި އެ ގްރޫޕުތަކަށް ޒުވާނުންނާއި ކުޑަކުދިން ރެކްރޫޓްކުރާ މައްސަލަ ޚާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

"މީގެ އިތުރުން އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބްލިޓީ އިތުރުކޮށް، އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތާއި އަދި އިންތިޒާމުވެގެން ކުށްކުރަން އަމިއްލަ ތަންތަން ބޭނުންކުރާތީ އެ ތަންތަން ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.

އިންތިޒާމުކޮށްގެން ކުށްކުރާ ގްރޫޕުތައް އާންމުކޮށް އެއްވާ ސަރަހައްދުތަކުގައި ކުޑަކުދިން ހަރަކާތްތެރިވާތީ ފުލުހުން މީގެ ކުރިން ވެސް ވަނީ ބެލެނިވެރިންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އޭގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ 400 އެއްހާ ކުޑަކުދިން ކުށުގެ ވެށީގައި ހަރަކާތްތެރިވާކަމަށް ވިދާޅުވެފައެވެ.

https://sun.mv/210394

ކުޑަކުދިން ކުށުގެ ވެއްޓަށް ވެއްދުމަށް ގްރޫމްކުރުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޚާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރީގައި ފުރާވަރު އުމުރުގެ ފިރިހެން ކުދިން ގްރޫމްކޮށް އެ ކުދިން މެދުވެރިކޮށް ކުށްތައް ހިންގުން އާންމެވެ.

މީގެ އިތުރުން ވެސް މީހުން މެރުމާއި، އެ ނޫން ވެސް ބޮޑެތި ގާނޫނީ ކުށްތަށް ކުރަން ގޭންގުތަކުންނާއި ކުށުގެ ވެށީގައި އުޅޭ ކުށްވެރިން، އެ ކުދިން އެކި ގޭންގުތަކަށް ނިސްބަތްވާ ކުދިންގެ ގޮތުގައި ހަދައި ކުދިންގެ ބޭނުން ހިފައެެވެ.

މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރެއިން ބައެއް ކަން ކަމަކީ:

  • ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރު
  • ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު
  • ބޮޑު ކުށެއްގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން

މީގެ އިތުރުން، ހަރުކަށި އަދަބުތައް ވެސް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި 10 އަހަރަށް ވުރެން ގިނަ މުއްދަތަކަށް ޖަލަށް ލުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ.

comment ކޮމެންޓް