ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ފަށައިފި

38 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު: މި މުބާރާތް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ --- ސަން ފޮޓޯ/ މޫސާ ނަދީމް

އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފިއެވެ.

މިއަހަރުގެ ވާހަކަދެއްކުމުގެ މުބާރާތް ދެ ބުރަކަށް ބެހިގެންވެއެވެ. އެއީ ވާހަކަ ދެއްކުމުގެ ބުރާއި، އަރުތަ ބުރެވެ.

އެގޮތުން ވާހަކަ ދެއްކުމުގެ ބައިން އެންމެ މަތިން މާކްސް ލިބޭ 10 ދަރިވަރުން އަރުތަ ބުރަށް ދާނެ ކަމަށް، މުބާރާތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވިއެވެ.

38 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު: ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

އަޝްރަފް ވިދާޅުވީ، އަރުތަ ބުރު ބާއްވަނީ ދަރިވަރުން ވަޒީފާއަށް ނުކުންނައިރު، ވަޒީފާގެ މާހައުލަށް ތަމްރީނުކުރުމުގެ ގޮތުން ކަމަށެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި މިފަހަރުގެ މުބާރާތުގައި އެހެން މުބާރާތްތަކާ ޚިލާފަށް ތަފާތެއް ވަނީ ގެނެސްފައެވެ. އެގޮތުން އަރުތަ ބުރަށް ހޮވޭ 10 ދަރިވަރުން ޕޯޑިއަމް ދޮށުގައި ހުރެ ވާހަކަދެއްކުމުގެ ބަދަލުގައި، ހާމަކަމާއެކު ސްޓޭޖްމަތީ ވާހަކަދައްކާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އެ ބަދަލު ގެނައި މައިގަނޑު ސަބަބަކީ، ދަރިވަރުންގެ ހަޔާތުގައި ވާހަކަދައްކަން ހަމައެކަނި ބޭނުންކުރާނީ ޕޯޑިއަމް އެކަނި ނޫން ކަމަށާއި، ވަޒީފާގެ މާހައުލަށް ނުކުމެ އެކިއެކި ޕްރެޒެންޓޭޝަން ދިނުމުގައި ވެސް ނުވަތަ އެ ނޫން ވެސް މަތީ މަގާމުތަކަށް އައިސް އެކި ގޮތްގޮތަށް ވާހަކަދައްކަން ޖެހޭނެތީ އެކަމަށް ތަމްރީނެއްގެ ގޮތުގައި ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"އެހެންވީމާ ޕްރެޒެންޓޭޝަންތަކާ އެކުގައި މި މަސައްކަތް ކުރެވޭއިރު އެއަށް ދެވޭ އަމަލީ ތަމްރީނެއްގެ ގޮތުގައި އަޅުގަނޑުމެން ބަދަލު މި ގެނައީ،" އަޝްރަފް ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ވާދަކުރުމަށް ފުރުސަތު ހުޅުވައިލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުން ފެށިގެން މި މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

38 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ/ މޫސާ ނަދީމް

މި މުބާރާތުގައި 26 ސްކޫލަކުން ވާދަކުރާއިރު، އަމިއްލަ ގޮތުންނާއި އޮފީސްތަކަށް ވެސް ބަހުސްކުރުމުގެ ބައިގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

ދިވެހިބަހުގެ އެކެޑަމީން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނީ، މި މުބާރާތް މިދިޔަ ހޯމަ ދުވަހު ފަށައި، އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

ރޭ ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި، ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

38 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު --- ސަން ފޮޓޯ/ މޫސާ ނަދީމް

ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ ވަރަށް ގިނަ ސްކޫލުތަކަކުން އިންތިޒާރުކުރާ ވާދަވެރި މުބާރާތެކެވެ.

މިމަހުގެ 17 ވަނަ ދުވަހު ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ މައުލޫމާތު ދިނުމުގެ ދަންފަޅިތައް ނިންމާލައިފައެވެ.

އެ ދަންފަޅިތަކުގައި ވާހަކަދެއްކުމަށް ތައްޔާރުވުމަށް ފުރަތަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި، މައުޟޫއު މާނަކުރާ ގޮތާއި، އޮނިގަނޑު ރޭވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި، މިސްރާބު ކަނޑައަޅާގޮތުގެ އިތުރުން، މުބާރާތުގައި ދަރިވަރުން ސަމާލުކަންދޭންވީ މުހިންމު ކަންކަން ވަނީ ކިޔައިދީފައެވެ. ހަމައެއާއެކު މި އަހަރުގެ މުބާރާތަށް ގެނެވުނު ބަދަލުތައް ވެސް ވަނީ ކިޔައިދީފައެވެ.

comment ކޮމެންޓް