އިތާ ރިސޯޓު މުބާރާތުގެ ފައިނަލަށް ކުޑަފުއްޓާއި ޖޯލި

ސެމީގައި ކޯރާ ކޯރާއާއި ޖޯލި މެޗުގެ ތެރެއިން--

ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ފައިނަލަށް ޖޯލި ބީއިން އާއި ކުޑަފުށި ދަތުރުކޮށްފިއެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް ޖޯލި ޖެހިޖެހިގެން ދަތުރުކުރި ތިންވަނަ ފަހަރެވެ. އެ ޓީމު ފައިނަލުގެ ޖާގައެއް ހޯދީ ރޭ ކުޅުނު މުބާރާތުގެ ސެމީފައިނަލުގައި ވާދަވެރި ކޯރާ ކޯރާ އާއި ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖޯލިން މި މުބާރާތުގެ ފައިނަލަށް މިއަހަރު ވެސް ދަތުރުކުރިއިރު، އެ ޓީމު ސެމީއާ ހަމައަށް ދަތުރުކޮށްފައިވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނައިގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ސެޓް 16-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޯރާ ކޯރާ މޯލްޑިވްސް އިންނެވެ. ދެވަނަ ސެޓް 23-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖޯލި ބީންގ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ތިންވަނަ ސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކޯރާ ކޯރާ އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ.

ހަތަރުވަނަ ސެޓް 17-25 ގެ ނަތީޖާއަކުން ޖޯލި ބީއިންގ ކާމިޔާބުކުރިއިރު، ފަސްވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 10-15 ގެ ނަތީޖާއަކުންނެވެ.

ސެމީފައިނަލްގައި ކުޑަފުށި އާއި އާރަށް ކުޅުނު މެޗުގެ ތެރެއިން--

މުބާރާތުގެ ފައިނަލަށް ކުޑަފުށި ދަތުރުކުރީ ސީދާ ތިން ސެޓުން އާރަށް ބަލިކޮށްގެންނެވެ. ކުޑަފުށީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 10-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 13-25 އަދި 13-25 ގެ ނަތީޖާއަކުންނެވެ.

ޖުމްލަ 10 ޓީމަކާއެކު ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ 20:30 ގައެވެ. މި މެޗު ސަން ޕްލޭ އިން ވަގުތުން ފެނިގެންދާނެ އެވެ.

comment ކޮމެންޓް